ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) މި ދައުރުގެ ޗެއާމަނަކީ އިންޑިއާ އެވެ. އިންޑިއާއިން މި މަގާމާ ހަވާލުވީ ސެޕްޓެމްބަރު 2022 ގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އުއްމީދަކީ މިއަހަރު އެސްސީއޯ ރަނގަޅަށް ހިންގާލުމަށްޓަކައި ބައްދަލުވުއްތައް ބޭއްވުމެވެ. މިގޮތުން ބާއްވާ ބައްދަލުވުމަކަށް -- އިންޑިއާގެ ގޯއާގައި މެއި 4-5 އަށް ބާއްވާ އެސްސީއޯ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް -- ޗައިނާއަށާއި ޕާކިސްތާނަށް އިންޑިއާ އިން ވަނީ ދައުވަތު ފޮނުވާފަ އެވެ.
މި މައުލޫމާތު ލިބިހުރި އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕާކިސްތާނަށް ދިން ދައުވަތަށް އަދި ޖަވާބެއް ނުދެ އެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ބައްދަލުވުމުގައި ބައިވެެރިވެ ވަޑައިގަންނަވާނީ ބިލާވަލް ބުއްތޫ އެެވެ. އެހެންނަމަވެސް މި ބައްދަލުވުމާ ބެހޭ ގޮތުން ޕާކިސްތާނުން އަދި އެއްވެސް އެއްޗެއް ނުބުނާ ކަމަށް ޚަބަރު ލިބެ އެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން އަކީ ޗައިނާގެ އުފެއްދުމެކެވެ. ބައިވެރިންގެ ގޮތުގައި މިހާރު ތިބީ ޗައިނާ، ކަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން، ރަޝިއާ، އުޒްބެކިސްތާން، އިންޑިއާ އަދި ޕާކިސްތާން އެވެ.
އިންޑިއާ އާއި ޕާކިސްތާން މި ޖަމާއަތުގައި ބައިވެރިވީ 2017 ގައެވެ.
އިންޑިއާ އާއި ޗައިނާ އަކީ ވެސް އަވަށްޓެރި ދެ ގައުމެވެ. އެކަމަކު ވެސް ދެ ގައުމު ގުޅޭ ބޯޑަރުގެ މައްސަލާގައި އަވައްޓެރިންނަށް ވުރެ ދުރަށް އެކުވެރިކަން އޮތީ ގޮސްފަ އެވެ. މި ދެ ގައުމު ގުޅޭ ލަޅަކް ސަރަހައްދުގައި ދެ ގައުމުން ވެސް ހަތިޔާރާ އެކު ސިފައިން ފޯރިމަރަ އެވެ. ދޭތެރެ ދޭތެރެއިން އަރާރުންވެ ބަޑިވެސް ޖަހަ އެވެ.
މިހެން ކަން އޮތް ނަަމަވެސް، އެސްސިއޯ ޖަމާއަތް ހިންގުމުގައި -- ބައްދަލުވުންތަކުގައި ދެ ގައުމު ބައިވެރިވެ އެވެ.
މަޝްވަރާތަކުގައި އެއް މޭޒުދޮށް ޖަމާވެ އެވެ. ދެ ގައުމުގެ ސަރަހައްދާ މެދު ނުތަނަވަސްކަން އޮތް ނަމަވެސް، ބައިނަލްއަގްވާމީ މަޝްވަރާތަކުގައި ބައިވެރިވެ އެވެ.
ޕާކިސްތާން އަކީ ވެސް އިންޑިއާއާ ބޯޑަރު ހިއްސާކުރާ ގައުމެވެ. މި ދެ ގައުމުގެ ދެމެދުގައި -- ޒަމާން ފެނުސީއްސުރެ އޮޮންނަ ނުތަނަވަސް ކަމަކީ ޖައްމޫ ކަޝްމީރެވެ.
ޖައްމޫ ކަޝްމީރުގެ ނުތަނަވަސްކަމާ އެކު ވެސް އިންޑިއާ އާއި ޕާކިސްތާން ދުރުދުރުން އެކުގައި މުއާމަލާތްކޮށް އުޅެ އެވެ.
އެހެން ނަމަވެސް 2019 ގައި އިންޑިއާއިން ގާނޫނަށް ބަދަލުގެނެސް -- ޖައްމޫ ކަޝްމީރަށް ކުރިން ދީފައި އޮތް ޚާއްސަ ދަރަޖަތައް އުވާލައި، އިންޑިއާގެ ގާނޫން ހިނގާ ވަކިވަކި ދެ ސަރަހައްދަށް ހެދުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތްކަން މިހާރު އޮތީ ބޯކޮޅު ވަތަށެވެ.