ދުނިޔެ

އިންޑިއާ، ޗައިނާ ގުޅިގެން ބޯޑަރުުގައި ފޯރިމަރަނީ

އިންޑިއާ އާއި ޗައިނާ ވަކިކުރާ ބޯޑަރުގައި -- ލަލަޚް ސަރަހައްދުގައި ދެ ގައުމު ގުޅިގެން ފޯރިމަރާ ގޮތަށް އެއްބަސްވެވިއްޖެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެ އެވެ.

މިއީ އިންޑިއާ އާއި ޗައިނާއާ ދެމެދު 2020 އިން ފެށިގެން އުފެދިފައި އޮތް އުދާސްތައް ފޮހެލުމަށް ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކެއްގެ ނަތީޖާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިންޑިއާ އާއި ޗައިނާ އަކީ އިންޑިއާ ކަނޑުގައި ވަރުގަދަ ދެ ބާރެވެ. މި ދެ ބާރުގެ ދެމެދުގައި ހުރި ހިލާފުތަކާ ހެދި -- ހާއްސަކޮށް ބޯޑަރުގައި އުފެދިފައި ހުރި ހިލާފުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުގެ ޝަރަފަށް އޮންނަނީ ބުރޫއަރާފަ އެވެ.

އިންޑިއާ އަކީ އަވަށްޓެރިންނަށެ ހެޔޮ ގައުމެކެވެ. ޗައިނާ އަކީ ވެސް އަވައްޓެރިންނާ ގުޅިގެން ދުނިޔޭގެ ތަރައްގީއަށް އިންވެސްޓްކޮށް ހޭދަކުރާ ގައުމެކެވެ.

މި ދެ ގައުމު އެކުގައި، އެކުވެރިކަމުގައި އޮތް ނަމަ ހުޅަނގަށް ގޮންޖަހާލެވޭ ވަރުގެ ކުޅަދާނަ ކަމަކަށް ވާނެ ކަމަށް ސިޔާސީ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އިންޑިއާ އާއި ޗައިނާ ބައިކުރާ ރޮނގު -- ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް، ގައި ކިތަންމެ ފަހަރަކު ހަމަނުޖެހުންތައް ވަނީ ހިންގާފަ އެވެ. މި ހަމަނުޖެހުންތަކުގައި އެތައް ސިފައިންނެއް މަރުވެ ޒަޚަމް ވެސް ވަނީ ވެފަ އެވެ.

އިންޑިއާ، ޗައިނާއާ ދެމެދު އޮތް ނުތަނަވަސްކަން -- ތަނަވަސްކަމަށް ބަދަލުކުރަން އެދޭ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ބޯޑަރު ސުލްހަކުރުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައި ޝަންކަރު ވެސް ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރެވިދާނެ ކަމުގެ ނިޝާންތަކެއް ޒަމާންތަކެއް ފަހުން ނަމަވެސް ފެނުމަކީ އަަވަށްޓެރިންނަށްވެސް އޮތް އުފަލެކެވެ.

ސިޔާސީ ގޮތުން އޭޝިއާގެ މި ސަރަހައްދު އަންދާޒާކުރާ މީހުން ބުނާ ގޮތުން އެއްބަސްވުންތަކަށް ކަމޭހިތައި، އިހުތިރާމާ އެކު ބަލައިގަތުމަކީ ހެޔޮ ފާލެކެވެ. މިކަމުގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށްވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ލަލަޚް ސަރަހައްދުގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގައި 24 ސިފައިން ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން 20 ސިފައިން ނިސްބަތްވަނީ އިންޑިއާށެވެ.