ދުނިޔެ

ޗައިނާއާއެކު ގުޅުން ރަނގަޅުކުރެވޭނީ ބޯޑަރު ލައިނަށް އިހުތިރާމްކުރާ ނަމަ: އިންޑިއާ

ޗައިނާއާ އެކު އިންޑިއާއަށް ގުޅުން ރަނގަޅު ކުރެވޭނީ ދެ ގައުމު ވަކިކުރާ ބޯޑަރު ލައިނަށް -- ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްއަށް، ޗައިނާއިން ކަމޭހިތައި، އިހުތިރާމްކުރާ ނަމަ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު އަދި ވިދާޅުވީ ތެދުތެދަށް އެއްޗެއް ދަންނަވާނަމަ ޗައިނާ އާއި އިންޑިއާއާ ދެމެދު އޮތީ ހިތްހަމަޖެހޭ ވަރުގެ ރަނގަޅު ގުޅުމެއް ނޫން ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު މިހާރު އުޅުއްވަނީ ޖަޕާންގަ އެވެ. އެއީ ކުއަޑް ޖަމާއަތުގެ ޚާރިޖީ ވަޒީރުންގެ ބަދައްދަލުވުމެއްގައި ބައިވެ ވަޑައިގަތުމަށެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު ބޯޑަރުގެ މައްސަލަ ގަދަހިފުމަކަށް ބަދަލުވެފައި އޮންނަތާ ހަތަރު އަހަރަށް ވުރެ ގިނަވަނީ އެވެ. މި ދެ ގައުމުގެ ދެމެދުގައި 2020 ގައި އަރާރުން އުފެދި 24 ސިފައިން އެ އަހަރު މަރުވި އެވެ.

ޖައިޝަންކަރު ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން ބޯޑަރު ލައިނަށް ގިނަ އަދަދަކަށް ސިފައިން ޖަމާނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޗައިނާއިން މި އެއްބަސްވުމަށް އިހުތިރާމް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑަރުގައި ހަމަނުޖެހުން ހިލިގަންނަ ކޮންމެ ފަހަރަކުހެން ސިފައިންގެ ތެރެއިން ބަޔަކު މަރުވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ. ސީދާ ކުރިމަތިލުންތަކުގައި ސިފައިންނަށް ބޮޑެތި އަނިޔާ ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އަކީ ގާތް އެކުވެރިއަކަށް ވާތީ ގުޅުން ބަދަހިވާނެ ކަމުގެ އުންމީދު އޮންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު މައްސަލަ މިހާރު އޮތް ގޮތުގައި ދިގުލައިފި ނަމަ ގުޅުން ގާތްކުރަން ދަތިވާނެ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮތް ނަމަވެސް، މުއާމަލާތްކުރަން މަޖުބޫރުވާ ފަހަރު އަންނަ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. މި ގޮތުން ލާއޯސްގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން އެންމެ ރަނގަޅަށް ސިފަކޮށްދޭނީ ދެ ގައުމު ވަކިކުރާ ރޮނގުންނެވެ. ބޯޑަރުގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ދެ ގައުމުގެ ގުޅުން ހެޔޮ ފާލަކަށް އެޅިފައި އޮތް ކަމުގެ ނިޝާނެއް ކަމަށް އޭނާ ވިދާޅުވި އެވެ.