އިންޑިއާއަށް މީގެކުރިން އެންމެ ގިނައިން ހަތިޔާރު ގަތީ ރަޝިއާއިންނެވެ. ނަމަވެސް މިއީ މިހާރަށް މިކަން ވާން އޮތް ގޮތް ނޫންކަން އިންޑިއާ އަދި ރަޝިއާ ވެސް ގަބޫލުކުރެ އެވެ.
އިންޑިއާއަށް ބޭނުންވާ ހަތިޔާރުގެ ބޮޑުބައި ރަޝިއާ އިން ގަތުމުގެ ބަދަލުގައި، އިންޑިއާއިން މިހާރު ވިސްނަނީ -- ރަޝިއާ އާއެކު ބަދަހި ގުޅުމެއް ބޭއްވުމާ އެކު، އިންޑިއާއަށް ބޭނުންވާ ހަތިޔާރު އެހެން ގޮތް ގޮތަށް ހޯދުމަށެވެ. އެއީ ފަހަރެއްގައި އަމިއްލައަށް ހަތިޔާރު އުފެއްދުން ނުވަތަ އެމެރިކާއަށް ބަރޯސާކޮށް ކައިރިއަށް ޖެހިލުން ކަމަށްވެސް ވެދާނެ އެވެ.
އިންޑިއާ ދެކޭ ގޮތުގައި އަސްކަރީ ގޮތުން އަދި އިގުތިސާދީ ގޮތުން ރަޝިއާއާ ވަކިވުމަކީ އިންޑިއާއަށް ވަރަށް ބޮޑު ނުރައްކަލަށްވެސް ވެދާނެ އެވެ. އެއީ އިންޑިއާއިން ހަތިޔާރު ނުގަނެފިނަމަ ރަޝިއާގެ މިސްރާބު ޗައިނާއަށް ދީއްލާލުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އާއެކު އަސްކަރީ ކޮންޓްރެކްޓް ހަދާފައި ހުރި ގައުމުތަކަށް ބޭނުންވާ ވަރަށް ހަތިޔާރު ސަޕްލައިކުރުމަށް -- ޔުކްރޭން ހަނގުރާމައިގެ ސަބަބުން -- ރަޝިއާ އޮތީ ނުކުޅެދިފަ އެވެ.
ރަޝިއާއާ އެކު އިންޑިއާ ހަދާފައި ހުރި އަސްކަރީ ކޮންޓްރެކްޓްތަކަށް ކޮންމެވެސް ބަދަލެއް ގެނެސްފާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީވެސް މިއީ އެވެ.
އިންޑިއާއާ ރަޝިއާއާ ދެމެދު ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި މިސައިލުން ދިފާއުވާ ނިޒާމުތައް، ރަޝިއާ އިން އިންޑިއާއަށް ސަޕްލައިކުރާނެ އެވެ. އަދި އިންޑިއާގައި ހަތިޔާރު އުފެއްދުމަށް ރަޝިއާއިން އެހީތެރިވާނެ އެވެ.
ރަޝިއާ އާއި އިންޑިއާ އަކީ ވަރަށް ގާތް ދެ ގައުމެވެ. ދެ ގައުމުގެ ވެރިންގެ މެދުގައި ވެސް ހަރުދަނާ ގުޅުންތަކެއް އޮވެ އެވެ. އަދި ދިމާވާ ބޮޑެތި ދަތިތަކުގައިވެސް އެއްގައުމު އަނެއް ގައުމަށް އެހީތެރިވުމާއި ވަފާތެރިކަން ވަނީ ސާބިތުކޮށްދީފަ އެވެ.
މިހެން ކަން އޮތުމުން އިގުތިސާދީ އަދި އަސްކަރީ އެއްބަސްވުންތަކަށް -- ޒަމާނާ ވަގުތާ ގުޅިގެން ހީނަރުކަން އައި ނަމަވެސް މި ދެ ގައުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ދެ ގައުމެވެ. އެހެންކަމުން ކިތަންމެ މަޝްހޫރު ނޫސް އެޖޭންސީއަކުން ރިޕޯޓެ ނެރުނެއް ކަމަކު މި ދެ ގައުމުގެ ގުޅުން ހީނަރުވެ ދެރަ ހާލަތަކަށް ވެއްޓޭނެ ކަމަކަށް ނުބެލެވެ އެވެ.
އަނެއްކޮޅުން އިންޑިއާ އިން މިހާރު ވިސްނަނީ ގައުމުތަކުގެ މެދުގައި ވަަރަށް އެކުވެރި އަދި ގާތް ސިޔާސަތުތައް ބޭއްވުމަށެވެ. އިންޑިއާ ސަރުކާރުގެ އިސް ވެރިންގެ ތަގުރީރުތަކުން މިކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.