އިންޑިއާ

އިންޑިއާ، ޗައިނާ ގުޅުން ރަނގަޅުވާނީ ބޯޑަރުގައި ސުލްހަ ގާއިމުވުމުން: ޖައިޝަންކަރު

އިންޑިއާ އާއި ޗައިނާގެ ގުޅުން އާދައިގެ ހާލަތަކަށް އަދި ވެސް ނާންނަ ކަމަށް އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ، ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯޑަރު މައްސަލަ އެވެ. ސަރަހައްދީ އިމުގައި ހަމަޖެހުން ގާއިމުވުމަށް ދާންދެން ގުޅުން ރަނގަޅު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުން ރަނގަޅު ކުރުމަކީ ދެ ގައުމަށް ވެސް އޮތް ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މަސްލަހަތު ފުށުއަރާ ކަންކަން ޗައިނާ ފުށުން ފެންނަ ކަމަށެވެ.

ސަރަހައްދީ މަސްލަހަތު ހެޔޮވުމަށް ފަހު ގުޅުން އޮންނާނީ ރަނގަޅުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ. މަސްލަހަތު ދެމެހެއްޓުމަށް ޗައިނާ ވެސް ސީރިއަސްވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާ، ޗައިނާ ދެމެދުގައި ހަގީގަތުގައި ވެސް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ބޯޑަރުގެ ހަމަނުޖެހުމެވެ. އަދި ވިދާޅުވި ގޮތުގައި މަސްލަހަތު ހަމަޖެހެންދެން އިންޑިއާ ސިފައިން ބޯޑަރު ސަރަހައްދުގައި ދެމިތިބޭނެ އެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި ޗައިނާ، އިންޑިއާ މަސްލަހަތުގެ ތެރެއަށް ތިންވަނަ ގައުމެއް ވަނުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.

ޗައިނާ އާއި ޕާކިސްތާން އަދި އިންޑިއާ އަކީ ވެސް ސަރަހައްދު ހިއްސާކުރާ ތިން ގައުމު ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އެހެންކަމުން ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމާ އެކު އެ ގައުމަކަށް ހައްގު އިމުގައި ގާއިމުވެ ތިބުމަކީ ސުލްހައަށް އޮތް އެންމެ ކުރު މަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި އިންޑިއާ ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި ގައުމު ދިފާއު ކުރުމަކީ ކޮންމެ ގައުމަކަށް ވެސް ހައްގެއް ކަމަށް ވެސް ވިދާޅުވި އެވެ.