ދުނިޔެ

ޗައިނާގެ ޑިފެންސް މިނިސްޓަރު މިއަދު ނޭޕާލަށް ވަޑައިގަންނަވަނީ

ޗައިނާގެ ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގޭ، މިއަދުގެ ވަގުތެއްގައި ނޭޕާލަށް ވަޑައިގަންނަވާނެ ކަމަށް ނޭޕާލްގެ ފޮރިން އެފެއާޒް މިނިސްޓްރީން ބުނެފި އެވެ. މިއީ އެއް ދުވަހުގެ ދަތުރެކެވެ.

ވެއި ފެންގޭގެ މި ދަތުރުގައި ނޭޕާލްގެ ރައީސާ، ބިދިޔާ ދޭވީ ބަންޑާރީ އާއި ބޮޑު ވަޒީރު، ކޭޕީ ޝަރުމާ އޯލީ އާ ބައްދަލު ކުރައްވާނެ އެވެ. ނޭޕާލް ސިފައިންގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް، ޕުރުނާ ޗަންދްރާ ތާޕާ އާ ވެސް، ޗައިނާގެ ޑިފެންސް މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނުގައި ވެއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު ނޭޕާލަށް ވަޑައިގަންނަވާއިރު، އިންޑިޔާގެ ފޮރިން ސެކްރެޓަރީ، ހަރްޝް ވަރްދަން ޝްރިންގްލާ ވެސް ވަނީ މީގެ ދެތިން ދުވަސް ކުރިން ނޭޕާލަށް ވަޑައިގެންފަ އެވެ. މިއީ ހަރްޝް ޝްރިންގްލާ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ނޭޕާލަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ވެއި ފެންގޭގެ މި ދަތުރުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނެވެ. މައިގަނޑު ގޮތެއްގައި ބީޖިންގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ނޭޕާލްގައި ޗައިނާ އިން ކުރާ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މައުލޫމާތު ބަދަލު ކުރައްވާނެ އެވެ. އަދި ޕްރޮޖެކްޓްތައް ހިނގާ ގޮތް އޮޅުންފިލުއްވާނެ އެވެ.

ފާއިތުވި އަހަރު އޮކްޓޫބަރުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިން ނޭޕާލަށް ވަޑައިގެން، ކަތުމަންޑޫގެ ތަރައްގީއަށް އަދަދު ކަނޑައަޅުއްވައި އެހީތެރި ވެދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ވިދާޅުވީ ކުރި އަށް ދެ އަހަރު ތެރޭގައި 56 ބިލިއަން "ނޭޕާލީޒް ރުޕީ" ދެއްވާނެ ކަމަށެވެ.