ނޭޕާލް

ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި ހިތާމަވެރި ހާދިސާއެއް

ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި ފާއިތުވި 30 އަހަރު ތެރޭގައި ހިނގި އެންމެ ހިތާމަވެރި ހާދިސާގައި 68 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން އިއުލާންކޮށްފި އެވެ.

ޔެޓީ އެއާލައިންސްގެ ބޯޓު ދަތުރުކުރީ ވެރިރަށް ކަތަމަންޑޫން ފުރައިގެން ޕޮޚާރާ އަށެވެ. މިއީ ފަތުރުވެރިންގެ މަދުގައި މަގުބޫލް މަންޒިލެކެވެ.

ބޯޓުން ދަތުރުކުރި ކަމަށް ރަސްމީ އަދަދުތަކުން ދައްކަނީ 72 މީހުންނެވެ. އެއީ 68 ދަތުރުވެރިންނާއި، ދެ ޕައިލެޓުންނާއި، ދެ އެއާހޮސްޓެސް އެވެ. އޭގެ ތެރޭގައި ވަރަށް ތުއްތު ތިން ކުއްޖަކާއި އަދި އެއަށް ވުރެ ދޮށީ އުމުރުގެ ތިން ކުއްޖަކު ހިމެނެ އެވެ.

ދަތުރުވެރިންގެ ތެރޭގައި އިންޑިއާގެ ފަސް މީހަކު ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ރަޝިއާގެ ހަތަރު މީހަކާއި އަޔަލޭންޑްގެ މީހަކު އަދި ދެކުނު ކޮރެއާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކު އަދި ފަރަންސޭސިވިލާތުގެ މީހަކާއި ފްރާންސްގެ މީހަކު ވެސް ހިމެނެ އެވެ.

އޮފިޝަލުން ބުނާ ގޮތުން ބޯޓު ވެއްޓުނީ ޕޮޚާރާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ. އެކަމަކު ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާމް ދަހާލް ވަނީ މި ހާދިސާ ވަރަށް ރަނގަޅަށް ބެލުމަށް އަމުރުކުރައްވާފަ އެވެ. އަދި މި ހާދިސާ ތަހުގީގުކުރުމަށް ފަސް މެމްބަރުން ހިމެނޭ ޕެނަލެއް ވެސް ވަނީ އެކުލަވާލައްވާފަ އެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން އަމަލުކުރާނެ ސިޔާސަތެއް ކަނޑައެޅުމަށް ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ. އަދި ޖެނުއަރީ 16 އަކީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

މީހުން ސަލާމަތްކުރުމުގައި ރެސްކިޔު ޓީމުތަކަށް ފަރުބަދަތަކުގެ މަތިން ފެނިފައި ވަނީ މަރުވެފައި ތިބި މީހުންގެ ހަށިތަކެވެ. އެހާ އުހުން ވެއްޓި ޖެހުމުގެ ސަބަބުން ބުރައިގެން ގޮސްފައިހުރި ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވެސް ވަނީ ޖަމާކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން ނޭޕާލުގެ ހުރިހާ އެެއާޕޯޓެއްގެ ސަލާމަތީ ފެންވަރު ހުރި ގޮތް ބެލުމަށް ބޮޑުވަޒީރު ވަނީ ރިޔާސީ އަމުރަކުން ސިވިލް އޭވިއޭޝަނަށް އަންގާފަ އެވެ.