ރައީސް އަބްދުﷲ ޔާމީން

ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން އެދެފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ ޕާސްޕޯޓު، ޝަރީއަތް ނިމެންދެން ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވާތީ އެވެ.

ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރަކަށް އެންމެ ފުރަތަމަ ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބާތިލު ކުރުމާ ގުޅިގެނެވެ. ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރުނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. އެ އަމުރުގެ މުއްދަތު ހަމަވާތީ ދައުލަތުން އަނެއްކާ ވެސް ވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފަ އެވެ.

ދައުލަތުގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައި ވަނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ އެކަމަށް އިއުތިރާޒް ކުރައްވާފަ އެވެ. އެ ހުށަހެޅުމާއި ގުޅިގެން ދައުލަތުން ހުށަހެޅި ފޯމު ވެސް ލިބުނީ މިއަދު ކޯޓަށް ހާޒިރު ވުމުން ކަމަށާއި އަދި ފުލުހުންނަށް ލިބިފައިވާކަމަށް ދައުލަތުން ބުނާ، ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތައް ވެސް ދިރާސާ ކުރައްވަން ބޭނުންވާ ކަމަށެވެ.

ރައީސް ޔާމީން ވެސް ކޯޓުގައި އެދިވަޑައިގަތީ ފުލުހުންނަށް އެމަނިކުފާނު ފިއްލަވައިގެން ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތަކެއް ލިބިފައިވާތީ އެ ހެކިތައް ވަކީލުންގެ ޓީމާ އެކީގައި ވާހަކަދައްކަވައިގެން ދިރާސާ ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ފުލުހުން އެމަނިކުފާނުގެ މައްޗަށް ކޮށްގެންވެސް ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ބުނެފައި ވަނީ ފޯމާ އެކީގައި ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމުގެ ވަކި ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު މައްސަލައިގައި ހުށަހަޅާފައިވާ ހެކިތައް ވަޒަންކޮށްގެން ތުހުމަތުކުރެވޭ މީހާ ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭނެ ކަމަށެވެ.

ދިފާއީ ވަކީލުން އެދިވަޑައިގަތީ އެކަން ދިރާސާ ކުރައްވަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެއީ ކުރިން ވެސް ފުލުހުން މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަކަށް ވާތީ މިކަމުގައި އާ ކަންތައްތަކެއް ފާހަގަކޮށްފައި ނުވާތީ ދައުލަތުން އެދުނީ މިއަދު ގޮތެއް ނިންމުމަށެވެ.

އިސް ގާޒީ އަހުމަދު ޝަކީލް ވެސް ވިދާޅުވީ ދެ ހަފްތާއަކީ ވަރަށް ގިނަ ދުވަސް ކަމަށާއި އެވަރަށް ވަގުތު ނުދެވޭނެ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު މީހެއްގެ ޝަރީއަތް މިއަދު އޮންނާނެ ކަމަށާއި އޭގެ ފަހުން މިކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އެހެންކަމުން މިއަދު ހަވީރު 4:00 ގައި މިކަމަށް ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މިއަދު 1:00 ގައި އަހުމަދު ކްރިކް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ތާވަލް ކޮށްފަ އެވެ.