ބޮލީވުޑް

ސަލްމާންގެ ކޮންސެޓަށް ޖެކްލީން ނުގެންދާނެ!

ގަލްފުގެ އެތައް ގައުމެއްގައި ބާއްވަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ދަ-ބަންގް" ކޮންސެޓްގެ ފުރަތަމަ މަންޒިލަކީ ސައޫދީ އަރަބިޔާ އެވެ. ޑިސެމްބަރު 10 ވަނަ ދުވަހު ސައޫދީގެ ރިޔާޒުގައި ކޮންސެޓް ބާއްވަން ހަމަޖެހިފައި ވާއިރު މި ދަތުރުގައި ބައިވެރިވާނެ ކަމަށް ކުރިން އިއުލާން ކޮށްފައިވާ ތަރިންގެ ތެރެއިން ޖެކްލީން ފެނާންޑިސް އެ ކޮންސެޓުގައި ބައިވެރި ނުކުރަން ސަލްމާން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ބަދަލުގައި ޑެއިޒީ ޝާހް ގެންދަން ސަލްމާން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ޑެއިޒީ ބުނެފައި ވަނީ އޭނާއަށް މީގެ އެއްވެސް ޚަބަރެއް ނޭނގޭ ކަމަށެވެ.

ޖެކްލީން ކޮންސެޓަށް ނުގެންދަން ސަލްމާން ނިންމީ މީހުންނަށް ބިރު ދައްކައިގެން އެތައް ކްރޯޑެއްގެ ފައިސާ ފޭރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ސުކޭޝް ޗަންދުރަޝޭކަރް އާއި ޖެކްލީން އާ ގާތް ގުޅުމެއް އޮންނަ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާތީ އެވެ. އަދި އެ ދެމީހުންގެ ގައިގޯޅި މަންޒަރެއް ހިމެނޭ ފޮޓޮއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެކްލީން އަށް މިފަހަރު ވަރަށް ސީރިއަސް މައްސަލަތަކަކާ ކުރިމަތި ވާނެ އެވެ. އަދި އެކަމުން އޭނާއަށް ބޯ ދަމައިގަނެވޭނެ ގޮތެއް ނެތެވެ.

ޖެކްލީން ބޭރު ގައުމަކަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ހިފަހައްޓައި ފުރުން މަނާ ކުރިކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައި ވެއެވެ. އަދި ކުރިޔަށް އޮތް ދުވަސް ތަކުގައި އިންޑިޔާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް އަށް އޭނާ އެތައް ފަހަރަކު ހާޒިރުކޮށް ސުވާލު ކުރާ ނެކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސަލްމާންގެ "ދަ-ބަންގް" ކޮންސަޓް ގަލްފުގެ ގިނަ ގައުމުތަކެއްގައި މިފަހަރު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގައި ސަލްމާނާއެކު ޕާފޯމްކުރަން ގެންދާ ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ، ސުނިލް ގްރޯވަރު، ޕްރަބޫ ދޭވާ، އަޔޫޝް ޝަރުމާ، ސާއީ މަންޖްރޭކަރް ހިމެނެ އެވެ.