ބޮލީވުޑް

ސަލްމާންގެ "ދަބަންގް" ކޮންސެޓް ފަށާނީ ސައޫދީން

ސަލްމާން ޚާނާއި އިތުރު އިންޓަނޭޝަނަލް އާޓިސްޓުން ބައިވެރިވާ "ރިޔާޒު ސީޒަން ފެސްޓިވަލް" ޑިސެމްބަރު 10 ވަނަ ދުވަހު ފަށަން ދަނީ ތައްޔާރު ވަމުންނެވެ. ސަލްމާން ޚާން މި ފެސްޓިވަލްގައި ބައިވެރިވަނީ ދުނިޔޭގެ އެތައް ގައުމެއްގައި ބާއްވަން ހަމަޖެހިފައިވާ އޭނާގެ "ދަ-ބަންގް ރިލޯޑަޑް" ކޮންސަޓްގެ ފުރަތަމަ މަންޒިލެއްގެ ގޮތުގަ އެވެ.

ސައޫދީގެ ޖެނެރަލް އެންޓަޓައިންމަންޓް ޗީފް ތުރުކީ އަލް-ޝައިޚް ކުރި ޓުވީޓެއްގައި މިކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި ޝޯގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެކަމަށް އޭނާ ބުނެފައި ވެއެވެ.

އަލް-ޝައިޚްގެ ޓުވީޓުގައި ސަލްމާންގެ ފޮޓޯޖަހާފައިވާ ޕޯސްޓަރެއް ވެސް ޝެއާކޮށްފައި ވެއެވެ. އެ ޕޯސްޓަރުގައި ރިޔާޒުގައި އޭނާ ކޮންސަޓް ބާއްވާ ދުވަސްވެސް އިއުލާން ކޮށްފައި ވެއެވެ.

މި ޓުވީޓާއެކު ސައޫދީގައި ތިބެ ސަލްމާނުގެ ފޭނުން ވަނީ އުފަލުން ފޮޅިފަ އެވެ. އަދި މި ކޮންސެޓަށް އެމީހުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ ކަމަށް ބުނެފައި ވެއެވެ.

"ދަ-ބަންގް ރިލޯޑަޑް" ކޮންސަޓްގައި ސަލްމާނާއެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ތެރެއިން ޝިލްޕާ ޝެޓީ، ޖެކްލީން ފެނާންޑިސް، ސުނިލް ގްރޯވަރު، ސާއީ މަންޖްރެކަރް އަދި ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާ ބައިވެރިވާނެ އެވެ.

ސައޫދީ ފިޔަވައި ގަލްފުގެ ވަރަށް ގިނަ ގައުމުތަކުގައި ސަލްމާން މިފަހަރު ކޮންސެޓް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.