ހަބަރު

ކުރީގެ މެންބަރު ނާޒިމް ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ފުރައިފި

Dec 11, 2015

ސުޕްރީމް ކޯޓުން 25 އަހަރަށް ޖަލަށް ލާފައިވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ބޭސް ފަރުވާއަކަށް ސިންގަޕޫރަށް މިއަދު ފުރައިފި އެވެ.

ބޭސްފަރުވާއަކަށް ސިންގަޕޫރަށް ދިޔުމަށް ހުއްދަ ދޫކޮށްފައި އޮތީ 15 ދުވަހަށެވެ. ނާޒިމް މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ.

ނާރުގެ ފަރުވާއަކަށާއި ޔޫރިން އިންފެކްޝަނެއްގެ ސަބަބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނާޒިމް ހޮސްޕިޓަލްގައި އެޑްމިތްކޮށް ފަރުވާދީފައިވެ އެވެ. ނާޒިމް ބޭރަށް ދާން ފުރަތަމަ ފަހަރަށް ފުރުސަތު މި ދިނީ ރާއްޖެއިން ނުކުރެވޭ ޓެސްޓްތަކެއް ހެދުމަށެވެ. ނާޒިމް ރާއްޖެއިން ބޭރަށް ފުރަން ބެލި އިރު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަަހައްޓާފައި ވާތީ އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް ނާޒިމް އަށް ފުރުމުގެ ފުރުސަތު ދީފަ އެވެ.

ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށްލީ އެޓޯލްސް މިނިސްޓްރީއަށް ދިދަތަކެއް ގަތުމަށް ކުރި ބިޑްގައި ބައިވެރިވެ މަކަރާއި ހީލަތުން އެ ބިިޑް ކާމިޔާބު ކުރި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.