މީރާ

މީރާއަށް މިދިޔަ މަހު 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

Dec 9, 2021

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ނޮވެމްބަރު މަހު 1.24 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އެއީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީ އަށް 168.4 ޕަސަންޓް އިތުރު އަދަދެކެވެ. އަދި އެއީ ނޮވެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 51.8 ޕަސަންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މީރާ އަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ގުނަ އިތުރުކަން މީރާ އިން ފާހަގަކޮށްފައިވެ އެވެ.

މީރާ އިން ބުނީ މިދިޔަ ނޮވެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއީ ލިބިފައިވާ ފީއެއް ނޫނެވެ.

މިދިޔަ ނޮވެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 62.2 ޕަސަންޓް ނުވަތަ 773.23 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 6.5 ޕަސަންޓް ނުވަތަ 80.99 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ -- 6.2 ޕަސަންޓް، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ -- 6.1 ޕަސަންޓް، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ -- 3.6 ޕަސަންޓް އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ -- 15.4) ޕަސަންޓް ހިމެނެ އެވެ.

މީރާ އަށް މިދިޔަ ނޮވެމްބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.