މީރާ

މީރާގެ ޓީމުތައް މިއަދު ވިޔަފާރިތަކަށް ޒިޔާރަތްކުރަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޓީމުތަކުން މާލެއާއި އަތޮޅު ތެރޭގައި މިރާގެ އޮފީސްތައް ހިންގާ ރަށްތަކުގެ ވިޔަފާރިތަކަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.

މިއީ މީރާގެ "ކޮމްޕްލަޔަންސް ޑޭ"ގެ ހަރަކާތުގައި ހިމަނައިގެން ހިންގާ ހަރަކާތެކެވެ.

މިއަދުގެ ހަރަކާތްތައް މި ފަހަރު ހާއްސަކޮށްފައިވަނީ މީރާއިން ކުރިއަށްގެންދާ "ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ފަންސައާހި ކެމްޕޭންގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރަށް އިތުރުކުރުމެވެ.

ކަނޑައަޅައިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ ޓެކްސް އިދާރާގެ ރެކޯޑްތަކުގައި އެ ޓެކްސް ދައްކާ ފަރާތަކީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމުގެ އިލްތިޒާމުތައް ސުންގަޑިއަށް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަވާނެ ކަމެކެވެ. އޭރުން އެ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ އަދި މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވިގެންދާނެ ކަމުގައި މީރާއިން މައުލޫމާތުދެ އެވެ.

އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން އިލްތިމާސްކުރެ އެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ މީރާއިން މިއަދު ހިންގާ ހަރަކާތުގެ ތެރެއިން މީރާގެ ޓީމުތަކުގެ އެހީތެރިކަން ހޯދުމަށްވެސް މީރާއިން އެދެ އެވެ.