މީރާ

ދައުލަތަށް 639 މިލިއަން ރުފިޔާ ހޯދައިދީފި

ދައުލަތަށް ލިބެންޖެހޭ 639 މިލިއަން ރުފިޔާ މީރާ އިން ހޯދައިދީފި އެވެ.

މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އެ އިދާރާއަށް ހޯދި 639 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ތަކުރާރުކޮށް ގުޅައިގެން ޓެކްސްގެ ގޮތުގައި ހޯދި 515 މިލިއަން ރުފިޔާ އާއި، ޑިއުޒް ކްލިއަރެންސްގެ ގޮތުގައި ހޯދި 93 މިލިއަން ރުފިޔާ އާއި، ބޭންކް އެކައުންޓު ފްރީޒްކޮށްގެން ހޯދި 21 މިލިއަން ރުފިޔާގެ އިތުރުން އޯވަޑިއުވެފައިވާ ޕޭމަންޓްގެ ގޮތުގައި ހޯދި 12 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ކޯޓު މަރުހަލާއަށް ގޮސްގެން ހޯދި 10،000 ރުފިޔާއާއި ޓެކްސް ދައްކަން ހަނދާންކޮށްދީގެން ހޯދި 135،000 ރުފިޔާވެސް ހިމެނެ އެވެ.

މީރާ އިން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު އެ އިދާރާއަށް ލިބެންޖެހޭ 10 ބިލިއަން ރުފިޔާ ނުލިބިވެ އެވެ. މިއީ ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ 4.3 ބިލިއަން ރުފިޔާ އެވެ.

މީރާގެ މައުލޫމާތުތަކަށް ބަލާއިރު ޓެކްސް ބަޔާން ހުށަހަޅަންޖެހޭ 10,796 ފަރާތް ބަޔާން ހުށަަހަޅަމުން ނުދާއިރު 8,947 ފަރާތެއް ޓެކްސް ނުދައްކަ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މީރާ އިން ވަނީ ފައިސާ ދެއްކުން ފަސޭހަ ކުރުމަށްޓަކައި އިންސްޓޯލްމެންޓް އުސޫލުން ވެސް ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން 162 ފަރާތަކަށް 364 މިލިއަން ރުފިޔާއާ ހަމައަށް ބަހާލައިގެން މިހާރުވެސް އެ ފުރުސަތު ދީފައިވެ އެވެ.