ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް އެޑްމިނިސްޓްރޭޝަން ކޯޕަރޭޝަން މެކޭނިޒަމް (ބްރިޓަކޮމް)ގެ ފަހުމުނާމާގައި މީރާ އިން ސޮއިކޮށް، ބްރިޓަކޮމްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.
މި ފަހުމުނާމާގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު، ސޮއި ކުރައްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހޮންގްކޮންގައި ބޭއްވި ފަސްވަނަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް ކޯޕަރޭޝަން ފޯރަމް ގައެވެ.
ބްރިޓަކޮމް އަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ރީޖަންގެ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށާއި، މެންބަރު ގައުމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފަހިކޮށްދިނުމަށްޓަކައި ޓެކްސް ކޯޕްރޭޝަން މެކޭނިޒަމެއް އެކުލަވާލުމަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
މިއިނީޝިއޭޓިވްގެ މެންބަރެއްގެ ހައިސިއްޔަތުން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، މަޝްވަރާ ބައްދަލުވުންތަކުގައި މީރާގެ މުވައްޒަފުން ބައިވެރިވުމުގެ ފުރުސަތު ލިބި، ޓެކުހުގެ ނިޒާމު ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ ދެނެގަނެ މީރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ބްރިޓަކޮމްގައި ބައިވެރިވުމުގެ މުހިއްމު ކަމާމެދު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވަނީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ސަރަހައްދުގެ ޓެކްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ރަގަނޅު ކުރުމަށްޓަކައި ބްރިޓަކޮމް އިން އަދާކުރާ ދައުރާއި، ޓެކްސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލު ހޯދާނެ ގޮތުގެ މައްޗަށް ވާހަަކަދައްކަވާފަ އެވެ.
"މީގެއިތުރުން ހަރުދަނާ ޓެކްސް ނިޒާމުތައް ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުން މުހިއްމު،" ޒަރީރު ވިދާޅުވި އެވެ.
މީރާގެ އަމާޒަކީ ބްރިޓަކޮމްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި ޓެކުހުގެ އިދާރީ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ގާބިލް މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.