މީރާ

މީރާއަށް ސެޕްޓެމްބަރުގައި ލިބުނީ 1.2 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.18 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.8 ޕަސަންޓް ދަށް އަދަދެކެވެ. އެކަމަކު މިއީ މިދިޔަ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 19.4 ޕަސަންޓް މަދު އަދަދެކެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރުގައި ލިބިފައިވާ އާމްދަނީ ދަށްވީ ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުން ކަމަށެވެ. އެގޮތަށް ދިމާވީ ގްރީން ޓެކްސް އަދި ޖީއެސްޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން ސުންގަޑި މިހިނގާ އޮކްޓޫބަރުގެ ފުރަތަމަ ހަފްތާއަށް ފަސްވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ސުންގަޑިއަށް ބަދަލު ގެނައުމުން ސެޕްޓެމްބަރުގައި ކުރިން ލިބޭނެ ކަމަށް ލަފާކުރި އެއާޕޯޓް ޓެކުހާއި ފީ، ޖީއެސްޓީ އަދި ގްރީން ޓެކްސް އޮކްޓޫބަރަށް ފަސްވުމާ ގުޅިގެން އެ އާމްދަނީ ވެސް ދަށްވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މީރާއަށް މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 44.2 ޕަސަންޓް ނުވަތަ 523.05 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ޓެކުހުންނެވެ. އެއީ 19.6 ޕަސަންޓް ނުވަތަ 232.29 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 11.6 ޕަސަންޓް ނުވަތަ 136.80 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ހަ ޕަސަންޓް ނުވަތަ 71.19 މިލިއަން ރުފިޔާ، ޑިޕާޗަ ޓެކުހުގެ ގޮތުގައި 5.7 ޕަސަންޓް ނުވަތަ 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 12.9 ޕަސަންޓް ނުވަތަ 152.42 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.