އަހުމަދު ޝަރީފް އާދަމް

ޔާމީން ދެއްކެވީ "ޖާހިލު"ން ދައްކާ ކަހަލަ ވާހަކައެއް: ޝަރީފް

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔަ ގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށާ އިންތިހާބުގެ ވޯޓް ނެގިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފް އާދަމަކީ ބޮޑު ޚާއިނެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވިދާޅުވުމަށް ޝަރީފް ރައްދު ދެއްވައިފި އެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތު އެންމެންގެ ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފު ވޯޓަކުން ބަލިވުމުން ބަލި ގަބޫލުނުކޮށް ޕޯޑިއަމްތަކަށް އަރާ ހުރެ "މާ ކޫލް" ކަމެއް ކަމަށް ހީކޮށް ތަންދޮރު ނުދަަންނަ "ޖާހިލެ"އް ހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރުން މާ ރީތި ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެވަޑައިގަތުމާއެކުހެން އިންތިހާބުގެ މިނިވަން ކަމާމެދު އެމަނިކުފާނާއި ޕީޕީއެމުން ސުވާލު އުފެއްދިއެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާ އިހުތިޖާޖުތައްވެސް ކުރިއަށް ގެންދިޔައެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށް ވަރަށް ބޮޑެތި ތުހުމަތުތައް އަމާޒު ކުރެއްވިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އެ ތުހުމަތުތައް އެމަނިކުފާނު ވަނީ އައު ކުރައްވާ ތަކުރާރުކުރައްވާފައެވެ. ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވާލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ވިދާޅުވީ ޕީޕީއެމް އަލުން ވެރިކަމަށް އައިސް އެ ހަގީގަތް ސާފުކޮށްދެއްވާނެ ކަމަށެވެ.

"ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އިންތިހާބު ބަދަލުވެގެން ދިޔަ ގޮތް ނޭންގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ. އެ މީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ. ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހަކުން މިކަމުގެ ހަގީގަތް އެނގޭނެ. ރައްޔިތުންނަށް އެކަން އެނގޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިހާބު އޮޅުވާލުމުގެ މަސައްކަތް ފެށީ އެމަނިކުފާނު ބަލިނުކުރެވޭނެ ކަން ކަށަވަރު ވުމުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަދި އެމަނިކުފާނު ކުރީން ވަރަށް އިތުބާރު ކުރެއްވި އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ޚާއިނުންގެ ތެރެއިންވެސް އަރާހުރި ޚާއިނެއް ކަމަށެވެ.

"މިކަން ފެށުނީ 2018 ގައި. އިންތިހާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ސަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް. އިނގޭނެ ކަންކަން ހިނގާދިޔަ ގޮތް،" ޔާމީން ވިދާޅުވިއެވެ.

ރާއްޖެ މިއަދު ތަޖުރިބާ ކުރަމުންދާ ހިތްދަތި ކަމާއި އަޅުވެތި ކަމުގެ ފެށުމަކީ 2018 ގެ އިންތިހާބު އޮޅުވާލުން ކަމަށާ އެކަމުގެ އަގު އެކަން ކުރި ބަޔަކު ދައްކަން ޖެގޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.