އަހުމަދު ޝިޔާމް

ޝަރީފްގެ ރައްދުން އިންތިހާބު "ފޭރިގެންފައި" އޮތްކަން ޔަގީންކޮށްދޭ: ޝިޔާމް

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔަ ގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށާ އިންތިހާބުގެ ވޯޓް ނެގިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފް އާދަމަކީ ބޮޑު ޚާއިނެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ވިދާޅުވުމަށް އެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ދެއްކެވި ވާހަކަތަކުން އިންތިހާބު "ފޭރިގެންފައި" އޮތްކަން ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތު އެންމެންގެ ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފު ވޯޓަކުން ބަލިވުމުން ބަލި ގަބޫލުނުކޮށް ޕޯޑިއަމްތަކަށް އަރާ ހުރެ "މާ ކޫލް" ކަމެއް ކަމަށް ހީކޮށް ތަންދޮރު ނުދަަންނަ "ޖާހިލެ"އް ހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރުން މާ ރީތި ކަމެއް ނޫން ކަމަށެވެ.

ޝަރީފްގެ އެ ޓްވީޓް ރި-ޓްވީޓް ކުރައްވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅަކު މިފަދަ ގޮތަކަށް އިބާރާތް ކުރައްވާ ޓްވީޓެއް ކުރެއްވުމުން ރާވައިގެން އިންތިހާބު "ފޭރިގެންފައި" އޮތްކަން ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްދޭ ކަމަށެވެ.

"މިކަން ތަހުގީގު ކުރަން ޖެހޭ،" ފުލުހުންނާއި ޕީޖީ އޮފީސް އަދި ސުޕްރީމް ކޯޓް ޓެގްކޮށް ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިހާބުގެ އޮޅުވާލުންތައް ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ދެން ވިދާޅުވީ ޕީޕީއެމް އަލުން ވެރިކަމަށް އައިސް އެ ހަގީގަތް ސާފުކޮށްދެއްވާނެ ކަމަށެވެ.

"ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އިންތިހާބު ބަދަލުވެގެން ދިޔަ ގޮތް ނޭންގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ. އެ މީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ. ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހަކުން މިކަމުގެ ހަގީގަތް އެނގޭނެ. ރައްޔިތުންނަށް އެކަން އެނގޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިހާބު އޮޅުވާލުމުގެ މަސައްކަތް ފެށީ އެމަނިކުފާނު ބަލިނުކުރެވޭނެ ކަން ކަށަވަރު ވުމުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަދި އެމަނިކުފާނު ކުރީން ވަރަށް އިތުބާރު ކުރެއްވި އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ޚާއިނުންގެ ތެރެއިންވެސް އަރާހުރި ޚާއިނެއް ކަމަށެވެ.

"މިކަން ފެށުނީ 2018 ގައި. އިންތިހާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ސަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް. އިނގޭނެ ކަންކަން ހިނގާދިޔަ ގޮތް،" ޔާމީން ވިދާޅުވިއެވެ.