ކްރިމިނަލް ކޯޓް

ކުޑަކުދިންތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ތަކުރާރުކޮށް ކުޑަކުދިންތަކަކާ މެދު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި 30 އަހަރަށް މީހަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ވ. ގާތިފް، ހަސަން އަތޫފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ޖޫން 28، 2021 ވަނަ ދުވަހު ދައުލަތުން ފަސް ދައުވާއެއް އުފުލި އެވެ. އެ ދައުވާތަކަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ކުށުގެ ދައުވާގެ އިތުރުން ގްރޫމްކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ހަސަން އަތޫފް ވަނީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތުރާފްވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދިފަ އެވެ. އެހެންކަމުން ދައުލަތުން އޭނާއާ އެކު އެއްބަސްވީ، މިމައްސަލާގައި ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއަކަށް އިއުތިރާފުވުމުން ދައުލަތުން ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ތިން ދައުވާ އަނބުރާ ގެނައުމަށެވެ.

އެގޮތުން އޭނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ އެވެ.

ދައުލަތުން ހަސަން އަތޫފްގެ މައްޗަށް އުފުލި ފަސް ދައުވާ ސާބިތުވެއްޖެނަމަ، 76 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު އޭނާއާއެކު ހެދި އިއުތުރާފްގެ އެއްބަސްވުމުގެ ދަށުން އެ އަދަބު 30 އަހަރަށް ވަނީ ކުޑަކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖޫން 20، 2021 ގައެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން، ޕްރޮސިކިއުޓާ ޖެނެރަލްއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ނަތީޖާއަކީ މައްސަލަތައް އަވަސްވެ، ޖިނާއީ އަދުލުގެ ނިޒާމަށް އޮންނަ ބުރަ ބޮޑުތަނުން ކުޑަވެގެންދާ ކަމެކެވެ.

"ދައުލަތުގެ މަސަލަހަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. މިމައްސަލައިގެ ޝަރީއަތެއް ހިނގާނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާން ޖެހޭ ގޮތް މެދުވެރިވާނެ އެވެ. ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީއަތުގައި އިއުތިރާފުވާނަމަ، ލުއި ދީގެން އަވަހަށް ޝަރީއަތް ނިމުމުން މިދެންނެވި ކަންކަމުން ސަލާމަތްވެފައިވެ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.