ހަބަރު

ހިޔާގެ ކުދިންތަކަކަށް އަނިޔާކުރި މައްސަލާގައި ދައުވާކޮށްފި

Dec 13, 2020

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި މައްސަލާގައި އެތަނުގެ ހަ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެކެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނައި މައްސަލައެއް ކަމަށެވެ.

އިތުރަށް ބުނީ، މި މައްސަލާގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް ހިމެނޭކަމަށް ޕީޖީއަށް ފެނިވަޑައިގެން، ޤާނޫނުއަސާސީން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުގީގުކުރުމަށް އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައިވަނީ މިދިއަ އޮކްޓޯބަރު މަހު ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ކުރީ ވިލިމާލޭ ސަމާހިޔާ، މުހައްމަދު ޝަރީފާއި، ވިލިމާލެ ފަންސި، ހުސެއިން އަހުމަދާއި، ވިލިމާލެ ރިއޯ، އަލީ އަހުސަނާއި، މާލެ މއ. އަކިރިފުށި ދެވަނަބައި، ނަޖީހު އަހުމަދާއި، މާލެ ހ. ފޯސީޒަން، އަހުމަދު ވަނޫދު އާއި، ވިލިމާލޭ އާސްމާން މަންޒިލް، ހުސެއިން ހަމްދޫންގެ މައްޗަށެވެ.

އެ މީހުނަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ގައިގާ އަތްލުމާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

ހުސެއިން ހަމްދޫންގެ މައްޗަށް ކުރީ ބިރުދެއްކުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ.

ދައުވާ ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށްތަކުގެ މައްސަލަތައް އަދިވެސް ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީއިން ބުންޏެވެ.

އެ ތަހުގީގުތައް ނިމުމުން، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި، ދައުވާ ކުރަން ޖެހޭ ކަމަށް ފެންނަ ނަމަ ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.