ކޮވިޑްގެ އައު ވޭރިއަންޓް -- އޮމިކްރޯންއަށް ޕޮޒިޓިވް އިތުރު ހަތަރު ކޭހެއް ރާއްޖެއިން ފެނިއްޖެ އެވެ. މިއާއި އެކު ރާއްޖެއިން ޖުމްލަކޮށް ފެނިފައިވަނީ އޮމިކްރޯންގެ ފަސް ކޭހެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޕޮޒިޓިވް އިތުރު ހަތަރު ކޭހެއް ރާއްޖެއިން ފެނިފައިވާ ކަމަށެވެ.
ޕޮޒިޓިވް ކޭސްތައް ފެނިފައިވާ މީހުންނަކީ ރާއްޖޭން ބޭރުން އައި މީހުން ކަމަށާއި އޮމިކްރޯން މިހާރު ފެތުރެމުންދާ ގައުމުތަކުގެ ޓްރެވަލް ހިސްޓަރީ އެމީހުންގެ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އިތުރު ކޭސްތައް ފެނުމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ އޮމިކްރޯން އަށް ޖީން ސީކުއެންސް ހެދުމަށް ގަވައިދުން ފޮނުވަމުންދާ ކަމަށެވެ. އެގޮތުން ސީކުއެންސިންނަށް ސާމްޕަލް ފޮނުވަނީ ކޮވިޑްގެ ގިނަ ކޭސްތައް ފެންނަ ދިމާލުން ކަމަށެވެ.
"ރާއްޖޭގައި އޮމިކްރޯން އުޅޭތޯ ބެލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދަނީ" އަފްޒަލް ވިދާޅުވި އެވެ.
ބޭރުގައި އުޅޭއިރު މާސްކް އެޅުމަށާއި، އަތް ދޮވުމާއި، ކޮންޓެކް ބަބުލް މަދުކޮށް ބެހެއްޓުމަށާއި، ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުދިޔުމަށް ވެސް އިލްތިމާސް ކުރެއްވެވި އެވެ.
ދެކުނު އެފްރިކާއިން ދުނިޔެއަށް ނުކުމެގެން އުޅޭ ކޮވިޑްގެ އާ ވައްތަރު، އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނަލެވެ.
މީގެ ތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެ އެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރިން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓް ވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ އެވެ.
އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވެސް ވާން ޖެހެ އެވެ. އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވް ވުމުންނެވެ.
ދުނިޔެއަށް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެތުރިގަތް ކޮވިޑް 265 މިލިއަން މީހުންނަށް ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. މިބަލީގައި 55.2 މީހުން މަރުވެފައިވާ ކަމަށް ވެސް ބުނެ އެވެ.