ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުގައި މާދަމާ ޖަލްސާ ބާއްވަނީ

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދާމާ ބޭއްވުމަށް ނިންމައިފި އެވެ.

ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ މަޖިލިސް ކުރާ ގޭގައި މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ހަމައެކަނި މައްސަލަ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން، ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ.

މި ހުށަހެޅުމަށް ކޮމިޓީގެ ރިޔާސަތުން ވޯޓަށް އެހުމުން ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެ ދުވަހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

އޭސީސީގެ މެންބަރުން އެކި ފަހަރު މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް، އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ވަނީ މީގެކުރިން ކޮމިޓީގައި، އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުންގެ ތެރެއިން ޝަކީލް ފިޔަވާ އެހެން ބޭފުޅުން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ސެޕްޓެމްބަރު 9، 2019 ގައެވެ. އޭސީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރައްވާ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ އޮގަސްޓް 25، 2019 ގައެވެ.