ފްލެޓް މައްސަލަ

ފްލެޓް މައްސަލަ ބަލަމުންދާ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހުޅުމާލެ އިން ދޫކުރަން ނިންމި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ފްލެޓް ހަވާލުކުރުން މަޑުޖައްސާފައިވާތީ މަޖިލީހުގެ މިނިވަން މުއައްސަސާ އިން ބަލަމުންދާ މައްސަލައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޓީގެ މިއަދު ބައްދަލުވުމަށް ހާޒިރުކުރަން ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނާއި ހައުސިން މިނިސްޓްރީގައި މިދިޔަ ސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ އިތުރުން އޭސީސީގެ ބޭފުޅުންނެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ނިމިދިޔަ ސަރުކާރުން އެކުލަވާލައި އާންމުކުރިއިރު އެ ލިސްޓްގައި ހުރި މައްސަލަތައް އޭސީސީ އިން ބެލުމަށްފަހު ވަނީ ލިސްޓްގައިވާ 60 ޕަސަންޓް މީހުންނަކީ ނުހައްގުން ލިސްޓްގައި ހިމެނޭ މީހުން ކަމަށެވެ. އޭސީސީ އިން ބުނާ ގޮތުގައި ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބުމަށް ޝަރުތު ހަމަވަނީ ހަމައެކަނި 20 ޕަސަންޓް މީހުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ފްލެޓް މައްސަލަ ބަލަމުންދާއިރު އިއްޔެގެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު މީގެކުރިން މިމައްސަލައިގައި ބޭއްވި ކޮމިޓީގެ ބައެއް ބައްދަލުވުންތައް ސިއްރުކޮށްފައެއް ނުވެ އެވެ.

އޭސީސީ އިން ފްލެޓް ލިސްޓްގެ މައްސަލަ ބެލުމަށްފަހު ލަފާ ދީފައިވަނީ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ހަވާލުކުރުމަށެވެ.

އޭސީސީގެ ނިންމުންތަކުގެ ތަފްސީލް ހޯދުމަށް ކޮމިޓީން އޮތީ ނިންމާފަ އެވެ. އެގޮތުން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވުނު ފްލެޓަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ފޮނުވައިދިނުމަށް ކޮމިޓީން އޮތީ އެދިފަ އެވެ.