ގއ. ވިލިނގިލި

ބަނދަރު މައްސަލާގައި ވިލިނގިލި ކައުންސިލަރުން އިހްތިޖާޖުކޮށްފި

Dec 16, 2021
1

ގއ. ވިލިނގިލި ބަނދަރުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ ރަށު ކައުންސިލަރުން މިއަދު އިހްތިޖާޖުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ އެ ރަށުގެ ބަނދަރު މަޝްރޫއަށް ބަދަލުތަކެއް ގެނައުމަށް ތަކުރާރުކޮށް ސަރުކާރުގައި އެދުނު ނަމަވެސް އެއްބާރުލުން ނުދޭ ކަމަށެވެ.

ބަނދަރު މަޝްރޫއަށް ބަދަލު ގެނައުމަށް ސަރުކާރަށް ހުށަހެޅީ ބަނދަރު އެންމެ ގިނައިން ބޭނުންކުރާ މަސްވެރިންނާއި ރަށުގެ ގިނަ ރައްޔިތުންތަކަކާ މަޝްވަރާކުރުމަށްފަހު އެ ފަރާތްތަކުން އެދޭ ބަދަލުތައް ކަމަށެވެ.

ވިޝާލް ވިދާޅުވީ ވިލިނގިލި ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރެއިން ސަރުކާރުން އެއްބަސްވަނީ އެންމެ ކަމަކަށް ކަމަށެވެ. އެހެންވެ ކައުންސިލުން އެދޭ ގޮތަށް ބަނދަރު މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ބޭނުން ނުވާ ނަމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ސަރުކާރުން ބަނދަރު ހަދަން އެ އުޅޭ ގޮތުން އެ ބަނދަރު މާގިނަ ދުވަސްތަކަކު ބޭނުންކުރަން ނުލިބި އަނެއްކާވެސް އެކަމާ އުޅެންޖެހޭނެ ކަން. އެހެންވެ އަޅުގަނޑުމެން މި އެދެނީ އެ ބަނދަރު ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ގޮތަށް ބައެއް ކަންކަން ބަދަލުކުރުމަށް،" ވިޝާލް ވިދާޅުވި އެވެ.

ވިލިނގިލީގައި މިއަދު ކުރިއަށް ދިޔަ އިހްތިޖާޖުގައި ޕީޕީއެމް އާއި އެމްޑީޕީ ކައުންސިލަރުން ހިމެނޭ ގޮތަށް ކައުންސިލްގައި ތިއްބަވާ ހަތް ކައުންސިލަރުން ވެސް ބައިވެރިވެފައިވެ އެވެ.

ވިލިނގލި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުގެންދާނަމަ އަދިވެސް އިހްތިޖާޖު ކުރާނެ ކަމަށް ބައެއް ކައުންސިލަރުން ވިދާޅުވެފައިވެ އެވެ.