ގއ. ވިލިނިގިލީގައި ސަރުކާރުން އަޅަން ނިންމާފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ދޮންބޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.
ދޮންބޭޒް ކުންފުނިން އަމިއްލަ އަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 48.2 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ވިލިނގިލީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ބެލްކަނި، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.
މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
- ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
- ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
- ފުވައްމުލައް - 200 ހައުސިން ޔުނިޓް
- ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
- ލ. ގަން - 100 ހައުސިން ޔުނިޓް
- ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
- ސ. ފޭދޫ - 75 ހައުސިން ޔުނިޓް
- ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
- އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
- ނ. މަނަދޫ - 40 ހައުސިން ޔުނިޓް
- ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
މިރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ވިލިނގިއްޔަކީ އެ މަސައްކަތް ބަޔަކާ ހަވާލުކުރި ދެވަނަ ރަށެވެ.