ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ އާއި ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ތައްޔާރުކުރަންޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރާނެ އެވެ.
އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 21 މިލިއަން ރުފިޔާއަށް ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިގޮތުން ރައީސް ސޯލިހު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މި ހަފްތާގެ ކުރީކޮޅު ގއ. އަތޮޅަށް ވަޑައިގެން ވިލިގިނލި-ކޫއްޑޫ ބްރިޖުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.
މި ބްރިޖުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުން ދިއުމާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިލިނގިލި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.