ފިލިޕީންސް

ފިލިޕީސްގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅު

Dec 16, 2021

ޕިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅެއެވެ.

އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީއިން ވަރަށް ގާތުން ބަލަމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހުރިހާ ދަރިވަރުންގެވެސް ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސްގެ ބައެއް އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ގުޅިގެން އެތައް ބައެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. މިހާތަނަށް 100،000 ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.