ފޮރިން މިނިސްޓްރީ

ހާލުގައި ޖެހުނު ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި

Jan 9, 2022
1

ފިލިޕިންސަށް މިދިޔަ މަހު އެރި "ރައި' ތޫފާންގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި އެވެ.

ޕައިލެޓް ތަމްރީން ހަދަމުން ދިޔަ ދިވެހި ދަރިވަރުން ދިރިއުޅެމުން ދިޔަ ސޭބޫ ސިޓީއަށް ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދަރިވަރުން ދިރިއުޅެމުން ދިޔަ ތަނުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި އަސާސީ ބައެއް ހިދުމަތްތައް ވެސް ވަނީ ހުއްޓިފަ އެވެ.

ދިވެހި ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުވުމަށް ދިވެހި ސަރުކާރުން ވަނީ އެންސްޕާ އާއި ޒަކާތު ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކޮންމެ ދަރިވަރަކަށް 200 ޑޮލަރު ދީފައިވެ އެވެ.

ދިވެހި ދަރިވަރުން ތަމްރީން ހަދަމުން ދިޔަ ސަރަހައްދުގައި އަދިވެސް ހިދުމަތްތައް ރަނގަޅަށް ގާއިމުކުރެވިފައި ނުވާތީ ރައްކާތެރި އެހެން ސަރަހައްދެއްގައި ދަރިވަރުންގެ ތަމްރީން ފެށުމަށް އެ ކުދިން ކިޔަވަމުން ދިޔަ ސްކޫލުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ދަރިވަރުން ބުނެފައިވެ އެވެ.

ފިލިޕީންސަށް ތޫފާން އެރިއިރު އެތަނުގެ ފްލައިން ސްކޫލެއްގައި ދިވެހި 45 ދަރިވަރަކު ކިޔަވަމުން ދިޔަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ފިލިޕިންސަށް މިދިޔަ މަހު އެރި ބާރުގަދަ ތޫފާންގައި 375 އަށް ވުރެ ގިނަ މީހުން މަރުވެ ފަސް ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވެ އެވެ.