ހައުސިން ޔުނިޓް

4000 ހައުސިން ޔުނިޓް އަޅަން އިންޑިއާއިން 34 މިލިއަން ޑޮލަރު ދީފި

ހުޅުމާލެ ފޭސް ދޭއްގައި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 34 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފި އެވެ. މިގޮތުން މިއީ ދެ ޕްރޮޖެކްޓްއެއްގެ އަމަލީ މަސައްކަތުގެ ފެށުން ކަމުގައިވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެކްޒިމް ބޭންކް އިން ސެޕްޓެންބަރު 23 ގައި ހުޅުމާލޭގެ ފޭސް ދޭއްގައި 4000 ސޯޝަލް ހައުސިން ޔުނިޓުގެ އިމާރާތް ކުރުމަށް 228 މިލިއަން އެމެރިކާ ޑޮލަރު ބަޔާޒް ކްރެޑިޓް ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އެކު އެއްބަސްވުންތައް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އިންނެވެ. މި ދެ ކުންފުންޏަކީ ރިއަލް އެސްޓޭޓް ތަރައްގީ އާއި އަދި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އަދި ބޭރު ގައުމުތަކުގައްޔާއި ހިންގުމުގެ ތަޖުރިބާ ހުރި ދެ ކުންފުނި ކަމަށްވެސް ސަރުކާރުން ބުންޏެވެ.

ހައުސިން މަސަައްކަތަށް ސައިޓްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލު ކުރެވި ވަގުތީ ތައްޔާރީތަކުގެ މަސައްކަތް ފެށިފައެވެ. މި އިމާރާތްތަކުގެ އާކިޓެކްޗަރަލް ޑިޒައިންގެ ތަފްސީލީ ކުރެހުންތައް މިހާރު ދަނީ ދިވެހި ސަރުކާރުގެ އިދާރާތަކާއި އެކު ފައިނަލައިޒް ކުރަމުންނެވެ. މިއީ މި އިމާރާތްތަކުގެ ޖާގަ އެންމެ ފަހިގޮތުގައި ބޭނުން ކުރުމަށާއި މި އިމާރާތްތަކުގައި ދިރިއުޅޭނެ ފަރާާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ވިހާވެސް މަތިކުރުމަށްޓަކައި ކުރާ ކަމެކެވެ. މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރި އާއި ދެ ފާހާނާގެ 1200 ޔުނިޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ.