ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެކު އިންޖިނިއަރިން ޕްރޮކިޔޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި ސޮއިކޮށްފި އެވެ
ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ހިންގަން މި ސަރުކާރުން އުފެއްދި ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އިމާރާތް ކުރެވޭނެއެވެ. 137 މިލިއަން ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫއު ފުރިހަމަކުރުމަށް ތިން އަހަރާއި އެއް މަސް ދުވަސް ނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު އެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް – ކޮންޓްރެކްޓްސް ސައުތު އިންޑިޔާ އޮޕަރޭޝަންސް ކައްރި ސުދާކަރަ ރެޑީ އެވެ.
ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއަކީ އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން ބުންޏެވެ.
އިތުރު 2،000 ފްލެޓް އެޅުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކުރިއިރު އިންޑިއާގެ އެންބީސީސީ ކުންފުންޏާ ގުޅިގެން ހުޅުމާލޭގައި 2،000 ފްލެޓް އަޅަން މިދިޔަ މަހުގެ ހަވަނަ ދުވަހުވެސް ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއުގެ އަގު 130 މިލިއަން ޑޮލަރަށް އަރައެވެ.
ފާފުދާލު އުފެއްދި ފަހުން މިހާތަނަށް ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ހިންގާފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 1700 ހައުސިން ޔުނިޓް އަޅަން އެ ކުންފުންޏާއި ޗައިނާގެ ކުންފުންޏަކާ ސޮއިކުރި އެވެ. ނަމަވެސް މި މަޝްރޫއަކީ ކުރީގެ ސަރުކާރުން ހިންގަން ނިންމައި ލިޔެކިއުންތައް ފުރިހަމަ ކޮށްގައިވާ މަޝްރޫއެކެވެ.
މި ދައުރުގައި މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށާ ބޯހިޔާވަހި ކަމަށް ދިމާވެފައިވާ މައްސަލައަށް ކުރިއަށް އޮތްތާ އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ރަައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާތަކުން މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާއެއް މާލޭގައި އެބަތިބި ކަމަށެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ކަމަށާ ނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހައުސިން ޔުނިޓްތަކުގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އެގޮތުން މިހާރުވެސް 1،000 ހަައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާއިރު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ގާއިމު ކުރެވުނު އިތުރު 2،000 ހައުސިން ޔުނިޓްގެ އެއްބަސް ވުމުގެ ވާހަކަވެސް ވިދާޅުވިއެވެ.
އަދި ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެން 180 ޔުނިޓްގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ސައިނޯޙައިޑްރޯ ކުންފުންޏާއެކު 1،700 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު ޗައިނާގެ ސީއެމްސީ ކުންފުނިން 1،344 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްރީލަންކާގެ ޖެޓް ހޯލްޑިންގްސް އާއެކު 850 ޔުނިޓް އެޅުމަށް ނިންމާފައިވާއިރު ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން 33 ޔުނިޓެއްގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ހައުސިން ޔުނިޓް އެޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާ އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް އެއްބަސްވުން ގާއިމު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ހުޅުމާލޭގެ ބެލެނިވެރި އެޗްޑީސީން 115 ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް ނިންމާ ވަރަށް އަވަހަށް ޓެންޑާއަށް ހުލުވާލާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ހުރިހާ މަސައްކަތްތައް ފެށުމުން ޖުމްލަ 13،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށާ އިތުރު 2،000 ހަައުސިން ޔުނިޓްގެ މަސައްކަތް ފަށާ 15،000 ހައުސިން ޔުނިޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އޭގެ ތެރޭގައި 3،100 ހަައުސިން ޔުނިޓަކީ ކައުންސިލް ހައުސިންއެވެ. އެ ޔުނިޓްތަކުގެ ކުލި 6،000 ރުފިޔާގައި ހިފަހައްޓާނެ ކަަމަށް ވިދާޅުވިއެވެ. އަދި 3،000 ހައުސިން ޔުނިޓަކީ އެފޯޑަބަލް ހައުސިންގެ ތެރޭގައި ހިމެނޭ ޔުނިޓްތަކެކެވެ. އެ ތަންތަނުގެ ކުލި 7،000 އާއި 13،000 ދެމެދުގެ އަގުތަކެއްގައި ހުރިއިރު މިޑްރޭންޖްގެ 5،500 ޔުނިޓް ހިމެނެއެވެ. އެތަންތަނުގެ ކުލި އުޅޭނީ 13،000 އާއި 24،000 އާ ދެމެދުއެވެ.
ރައީސް ވިދާޅުވީ އޭގެ ބޭރުން ހައި އެންޑް ރޭންޖްގެ 3،100 ފްލެޓްގެ މަސައްކަތްވެސް ކުރެވޭނެ ކަމަށާ އެތަންތަން ބޭނުން ބަޔަކަށް ގަނެވޭނެ ކަމަށެވެ. އަދި ހުރިހާ ފްލެޓްތައްވެސް ޖާގައިގެ ގޮތުން ތަނަވަސް ސައިޒު ބޮޑު ތަންތަނަށްވާނެ ކަމަށެވެ.