ހައުސިން ޔުނިޓް

ހުޅުމާލޭގައި އިތުރު 2000 ހައުސިން ޔުނިޓް އަޅަން 119 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

Aug 2, 2022

ހުޅުމާލޭގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާ އިން ބޮޑު ލޯނެއް ނެގުމަށް ނިންމައިފި އެވެ.

ލޯން އެއްބަސްވުމުގައި މިއަދު ސޮއި ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރެއިންނެވެ.

އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާ އިން 119 މިލިއަން ޑޮލަރުގެ ލޯން އެއްބަސްވުން ހަދާފައިވަނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީއާ އެކު އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޭން ނިންމާފައިވާ 228 މިލިއަން ޑޮލަރުގެ ލޯން ފައިސާގައި ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގެ "ފަހި ދިރިއުޅުން ކޯޕަރޭޝަން"އާ އެކު ސޮއިކޮށްފައިވާ ލޯން އެއްބަސްވުމުގެ ދަށުން 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށާފަ އެވެ. މަޝްރޫއު ފެށީ 34 މިލިއަން ޑޮލަރު ދޫކުރުމުންނެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ ޑިސެމްބަރު މަހު ފެށި 4،000 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ އަތޮޅު ތެރޭގެ މީހުންނަށް ހުޅުވާލާފަ އެވެ.

މިއަދު ލޯން ހަމަޖެއްސި 2،000 ހައުސިން ޔުނިޓް މަޝްރޫއާ ގުޅޭ މައުލޫމާތު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.