ނައިފަރު

ނައިފަރުގައި އަންނަ އަހަރު އިތުރު ހައުސިން ޔުނިޓްތަކެއް އަޅަނީ

ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ޅ. ނައިފަރުގައި އަންނަ އަހަރު އިތުރު ހައުސިން ޔުނިޓްތަކެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ނައިފަރުގައި މިސަރުކާރުން އަޅާފައިވާ 100 ހައުސިން ޔުނިޓް ނިންމުމަށްފަހު ސަރުކާރުން އިއްޔެ ވަނީ ހައުސިން ޔުނިޓްތައް ނައިފަރު ކައުންސިލާ ހަވާލުކޮށްފަ އެވެ. މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިއަދު އަވަސް އަށް ވިދާޅުވީ ނައިފަރުގައި އެޅި 100 ޔުނިޓަށް 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ. އޭގެތެރެއިން 700 އަށް ވުރެ ގިނަ މީހުންނަކީ ބޯހިޔާވަހިކަމަށް ކޮންމެހެން ބޭނުންޖެހިފައި ތިބި މީހުން ކަމަށެވެ. އެހެންކަމުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް އިތުރު ހައުސިން ޔުނިޓްތައް ބޭނުންވާ ކަމަށާއި އަދި ރަށުގެ އާބާދީ އިތުރުވަމުން އަންނާތީ ބިމުގެ ދަތިކަން އޮތް ކަން ވެސް ރައީސްއާ ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ނައިފަރު ކައުންސިލާ ބައްދަލުކުރައްވައި ރައީސް އިއްޔެ ވަނީ، ނައިފަރުގައި މިހާރު ހިނގަމުންދާ ފެނާ ނަރުދަމާގެ މަޝްރޫއު ނިމުމުން ރަށުގެ މަގުތައް ހަދަން ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށްފަހު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މުހައްމަދު ވިދާޅުވި ގޮތުގައި 52 ހެކްޓަރުގެ ބިން އެރަށުން ހިއްކޭނެ އެވެ. ބިން ހިއްކުމުން ގޯތި ދޫކުރަން ހުއްދަ ލިބިއްޖެނަމަ ބިން ދޫކުރާނެ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

"މިވަގުތު އިތުރަށް 300 ޔުނިޓް އެޅިއްޖެނަމަ ރަށުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ރަނގަޅު ހައްލެއް ލިބިގެންދާނެ. މި 100 ޔުނިޓަށް ކުރިމަތިލާން ހުޅުވައިލުމުން 802 ފަރާތަކުން ކުރިމަތިލި. އޭގެތެރެއިން 700 ޕްލަސް މީހުންނަކީ ހަމަ ވަރަށް ބޮޑަށް ގެދޮރު ބޭނުންވެފައި ތިބި މީހުން. އެކަމަކު 100 މީހުންނަށް މި ލިބުނީ. އެހެންވީމަ އަޅުގަނޑުމެން ރައީސަށް ދެންނެވި އަދި މިވަރުން ނުވާނެ ކަމަށް. ރައީސް ވިދާޅުވީ އަންނަ އަހަރު އިތުރު ޔުނިޓްތަކުގެ މަސައްކަތް ފައްޓަވާނެ ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.

ނައިފަރުގައި އަޅައިފައިވާ 100 ހައުސިން ޔުނިޓްގެ ކުލި ބޮޑުވުމުންވެސް ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތަނުގެ ކުއްޔަކީ މަހަކު 5،000 ރުފިޔާ އެވެ. މުހައްމަދު ވިދާޅުވި ގޮތުގައި އެތަނުގެ ކުލި 3،500 ރުފިޔާއަށް ކުޑަކޮށް، ޖުމްލަ އެތަނަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމާ ގުޅޭ ގޮތުން ވެސް ރައީސްއާ މަޝްވަރާކުރެއްވި އެވެ. މިހާރު އޮތް ގޮތުން ނަމަ އެތަނަށް 20 އަހަރުން ޖުމްލަ 1.3 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

"މިހާރު އޮތް ގޮތުން ނަމަ އާންމު މުވައްޒަފެއްގެ ސެލެރީ އުޅޭނީ 8000 އެއްހާ ރުފިޔާ އާންމުކޮށް. ކަރަންޓާ ފެނާ ހުރިހާ އެއްޗަކަށް އެވަރު ހަރަދުވޭ. އެހެންވީމާ މީހެއްގެ މަހެއްގެ މުސާރަ މި ހަރަދުވަނީ. އެހެންވީމާ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެކަމަށް ވެސް ހުރުމުން ކުޑަ ކޮށްދިނުމަށް ވެސް އެދުނިން. ރައީސް މިހާރު ވަނީ ތިން މަހަށް އެތަނުގެ ކުލި ފަސްކޮށްދީފައި،" މުހައްމަދު ވިދާޅުވި އެވެ.

ނައިފަރުގައި އިމާރާތްކޮށްފައިވާ ޅ. އަތޮޅު ހޮސްޕިޓަލްގައި ވަސީލަތްތައް ނެތް ކަމާއި، ސްޕެޝަލިސްޓް ޑޮކްޓަރުން ނެތް ކަމަށާއި ލެބޯޓަރީގެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުން ފަދަ ކަންކަން ރައީސްގެ ސަމާލުކަމަށް ގެނައި ކަމުގައިވެސް ވިދާޅުވި އެވެ.

"ހުރިހާ ކަމަކާ މަޝްވަރާކޮށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި. އަޅުގަނޑުމެން މި އުންމީދުކުރަނީ މިކަންކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.

ރައީސް އިއްޔެ ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި މި ސަރުކާރުން އެރަށު ސްކޫލުގައި އެޅި 10 ކްލާސްރޫމް ވެސް ވަނީ ހުޅުއްވައިދެއްވާފަ އެވެ.

ނައިފަރުގައި ސަރުކާރުން ގާއިމްކުރި 100 ހައުސިން ޔުނިޓަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ޔުނިޓްތަކެކެވެ. މި މަސްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތަކަކީ 1000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.