ނައިފަރު

ހައުސިން ޔުނިޓްތައް ކައުންސިލާ ހަވާލުކޮށްފި

Feb 19, 2022

ނައިފަރުގައި އެޅި 100 ހައުސިން ޔުނިޓް ނިންމައި ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. ހައުސިން ޔުނިޓްތައް ނައިފަރު ކައުންސިލާ ހަވާލުކޮށްފައިވަނީ ރައީސް ސޯލިހް މިއަދު އެ ރަށަށް ވަޑައިގެން އެކަމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދު ހަވާލުކުރި 100 ހައުސިން ޔުނިޓާއެކު ނައިފަރަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތި ކަމަށް މުޅީން ހައްލު ނުލިބޭ ކަމަށެވެ. ނައިފަރަކީ ބޯހިޔާވަހިކަމަށް އެތައް ސަތޭކަ ބަޔަކު ބޭނުންވެފައި އޮތް ރަށެއް ކަމަށާ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ހިމެނޭއިރު ރަށުގައި ވަޒަންވެރިވެ އުޅޭ މީހުން އަދި އެއަށް ވުރެ ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް ޖެހިލާއިރުގައި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ 1932 ވަނަ އަހަރު އެކުލަވައިލައި ތަންފީޒުކޮށް އަމަލުކުރަން ފެށުމާ އެކީގައި އޭރު ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި ފާސްކުރުންތަކުގެ ތެރޭގައި އޮތް އެ ގާނޫނު އެއީ ހިންނަވަރާއި ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން،މި ދެރަށުގެ ރައްޔިތުންނަށް މާފިލާފުށިން ގޯތިދޭން ސަރުކާރުން ނިންމި ވާހަކަ. މި ދައްކަނީ މީގެ 90 އަހަރު ކުރީގައި އޮތް ބޮޑު މައްސަލައެއްގެ ވާހަކަ. ސަރުކާރަކަށްފަހު ސަރުކާރެއް ބަދަލުވަމުން އައިސް 2022 ވަނަ އަހަރަށް އެޅިފައި މިއޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނައިފަރުގައި މީގެކުރިން 25 ރޯހައުސް އެޅިގެންދިޔައީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާ އެއަށްފަހުގައި ކަންދިމާކުރި ގޮތުން އެ ރަށުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިގެން ދިޔައީވެސް އެމްޑީޕީގެ ސަރުކާރެއްގައި ކަމަށްވުމީ އެމަނިކުފާނަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"މި ފްލެޓްތަކަކީ ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައި މުޅި ދުނިޔެ ބަންދުވެފައި އޮއްވައި ސަރުކާރުން ހިންގި މަޝްރޫއެއް. މި މަޝްރޫއު ހިންގުމަށް ހަވާލުކުރި ފަރާތަކީ އާރުސީސީ. ކޮންޓްރެކްޓްގައި އޮތް މުއްދަތުގެ ތެރޭގައި އެއް އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއު ވަރަށް ފުރިހަމައަށް ނިންމައިދިން ކަމަށްޓަކައި ސަރުކާރުގެ ނަމުގައި އާރުސީސީއަށް ވަރަށް އިހްލާސްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން،"

ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭން ސިޔާސަތު ތަންފީޒު ކުރަމުންދާއިރު ދެ ކޮޓަރީގެ ފްލެޓެއް ނުވަތަ ގެއެއް އެއީ އެންމެ ރަނގަޅު ހައްލު ނޫން ކަމަށެވެ. އެންމެ މަދުވެގެން އާއިލާއެއް އެކުގައި އުޅޭނަމަ އަދި މައިންބަފައިންނާ އެކީގައި އުޅޭނަމަ އެއަށްވުރެ ތަނަވަސްކޮށް އެ ފްލެޓެއްގެ ނުވަތަ އެ ގެއެއްގެ ކަންތައްތައް ހުންނަން ޖެހޭނެ ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވަރަށް ގިނަ ރަށްރަށް އެބަހުރި ކަމަށާ އެކަން ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 14 ރަށެއްގައި 1575 ހައުސިން ޔުނިޠް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އޭގެތެރެއިން 8 ރަށެއްގެ 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑާ ކުރެވިފައި ކަމަށް ވިދާޅުވިއެވެ.