އެއާބަސްއިން އޭ380 މަރުކާގެ މާސިންގާ މަތިންދާބޯޓްތައް އުފައްދަން ފެށުމުން ދުނިޔެ ހައިރާންވި އެވެ. ދެބުރިއަށް ނަގާ ކޮޅަށް ޖަހައި 500 މީހުންނަށް ޖާގަ ދެވޭ ވަރުގެ ބިޔަ ބޯޓްތައް އުފައްދަން ފެށިއިރު، ދުނިޔޭގައި ދުއްވާ ކުދިބޯޓްތަކަށް ދެންވާނެ ގޮތަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
އެހެން ނަމަވެސް އެއާބަސްއިން ކުރިން އަންދާޒާކުރި ގޮތަށް އޭ380 މަރުކާގެ ބޯޓުތަކަށް އެއާލައިންތަކުން ތަރުހީބެއް ނުދިނެވެ.
ގަތަރު އެއާލައިން ފަދަ މުޅި ދުނިޔެއަށް މަޝްހޫރު އެއާލައިން ތަކުން ވެސް ފަހުން ބުނީ އޭ380 އަކީ ބޮލުގައި ރިހުމެއް ކަމަށެވެ. ފޮޅާސާފުކުރަން އުނދަތޫވުމުގެ އިތުރުން މެއިންޓަނަންސް ބެލެހެއްޓުމަށް ހިނގާ ޚަރަދު ވެސް އެހާބޮޑީ އެވެ.
އެއާބަސްއިން ކުރިން ހީކުރީ އޭ380ގެ 1000 އަށް ވުރެ ގިނަ ބޯޓަށް އޯޑަރު ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް މުޅި ދުނިޔެއަށް މާކެޓްކޮށްގެން ވެސް ލިބިފައިވަނީ 250 އޯޑަރެވެ.
އޭގެ ތެރެއިން ގިނަ ބޯޓް ދުއްވަނީ ދުބާއީގައި، އެމިރޭޓްސް އެއާލައިނުންނެވެ. އެ އެއާލައިންގައި 123 ބޯޓް އޮވެ އެވެ.
އެއާބަސްއިން އެންމެ ފަހުން އުފެއްދި އޭ380 ވެސް ގެންދިޔައީ ދުބާއީ އަށެވެ. އެމިރޭޓްސް މިބޯޓުތައް އުދުއްސަނީ ދުރުރާސްތާ ދަތުރުތަކަށް، ޔޫރަޕަށް އަދި އެމެރިކާ އަށެވެ.
މަޝްހޫރު އެއާލައިންތަކުން މިހާރު އިޚްތިޔާރު ކުރަނީ މެދު ފަންތީގެ މަތިންދާބޯޓުތަކެވެ. ބޯޓަށް އެރުވޭ ދަތުރުވެރިންގެ އަދަދު ގިނަ ނޫން ނަމަވެސް އެގޮތް ޚަރަދުކުޑަވެފައި ބޯޓްތައް ބަހަލައްޓަން ފަސޭހަ ކަމަަށް އެއާލައިންތަކުން ބުނެ އެވެ.
އެއާލައިންތަކުގެ ވިސްނުމާ އެއްގޮތަށް އެއާބަސްއިން ވެސް ވިސްނަނީ ގެންގުޅެން ފަސޭހަ ބޯޓްތައް އާމަރުކާތަކުގައި ވިޔަފާރިއަށް ނެރުމަށެވެ.
އޭ380 މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓާލުމުން، އެއާބަސްއިން އަޅާފައި ހުރި މާސިންގާ އެސެމްބްލީ ޕްލާންޓްތައް ވެސް ހުއްޓާލާނެ އެވެ. އެއާބަސް ދެން އޮތް ގޮތަކީ ކުރިއަށް ހުރި މޮޑެލްތަކަށް ކަމުދާ ގޮތަށް ވެއާހައުސްތަކާއި އެސެމްބްލީ ހައުސްތައް ބަދަލުކުރުމެވެ. މިއީ އެއާބަސްއަށް ވަރަށް ބޮޑު ޚަރަދަކަށް ވާނެ އެވެ.