ދުނިޔެ

ދުބާއީ މަގުން ބޭރޫތަށް ދަތުރުނުކުރާނެ ކަމަށް އެމިރޭޓްސް އިން ބުނެފި

އެމިރޭޓްސް އެއާލައިނުން ޓްރެވަލް އެޑްވައިޒަރީ އެއް ނެރެފި އެވެ.

މި ބަޔާނުގައި ބުނެފައި އޮތް ގޮތުން ލުބްނާންގެ މަސްރަހު އޮތް ގޮތުން ދުބާއީ މަގުން ބޭރޫތަށް ދަތުރު ނުކުރަން އެމިރޭޓްސްއިން ވަނީ ނިންމާފަ އެވެ.

އެމިރޭޓްސް އިން ބުނީ ދުބާއީގައި ޓްރާންސިޓްކުރާ ދަތުރުވެރިންނާއި ބޭރޫތުގައި ޓްރާންސިޓްކުރާ ދަތުރުވެރިން އުފުލުން އޮގަސްޓް އެކެއް އަދި ދޭއްގައި ނޯންނާނެ ކަމަށެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި އިޒުރޭލާ ދެމެދު ހަނގުރާމަ ހޫނުވެ އަސްކަރީ ޖެނެރަލުން މަރާހިސާބަށް ކަންތައް ވަނީ ގޮސްފަ އެވެ. މި ގޮތުން ދޭ ހަމަލާތަކުގައި އާންމުކޮށް އެންމެ ގިނައިން މަރުވަނީ ކަމާ ގުޅުމެއް ނެތް މީހުންނެވެ.

ލުބްނާންގެ މަސްރަހު ހަރާބުވެގެން މިއުޅެނީ އިޒުރޭލުން ފޭރިގެންފައި އޮތް ގޯލާންގެ ފުޓުބޯޅަ ދަނޑަކަށް ބަޔަކު ދިން ރޮކެޓް ހަމަލާތަކެއްގައި އިޒުރޭލުގެ 12 މީހަކު މަރުވުމާ ގުޅިގެންނެވެ.

އިޒުރޭލުން މި ހަމަލާ ގުޅުވަނީ ހިޒްބުﷲއާ އެވެ. ނަމަވެސް ހިޒްބުﷲ އިން ބުނަނީ ދެނަހުރި ކަމެއްވެސް ނޫން ކަމަށެވެ. ގޯލާނަށް ހަމަލާދިނުމުގައި އެ ޖަމާއަތުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ހިޒްބުﷲ ބުނެ އެވެ.

ހިޒްބުﷲ އިން ބުނާ އެއްޗަކަށް ބެލުމެއް ނެތި އިޒުރޭލުން ވަނީ ލުބްނާންގެ ވެރިރަށް ބޭރޫތަށް ހަމަލާދީ އެ ޖަމާއަތުގެ ކޮމާންޑަރަކު -- ފުއާދު ޝުކޫރު މަރާލާފަ އެވެ.

މި ހަމަލާގެ ޒިންމާ އުފުލާ ކަމަށް އިޒުރޭލުން ވަނީ ބުނެފަ އެވެ. އަދި ބުނީ ހަމަލާދިނީ ފުއާދު ޝުކޫރު ހުރި ތަން އެނގިގެން ކަމަށެވެ.

ބޭރޫތުގެ ހާލަތު މިހާރު އޮތް ގޮތުން ލުބްނާނަށް ދަތުރުކުރާ ކިތަންމެ އެއާލައިނަކުން ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ. ބައެއް އެއާލައިންތައް ހަނގުރާމަ ހުއްޓެންދެންނެވެ. އަދި ބައެއް އެއާލައިންތައް ދެތިން ދުވަހަށެވެ.

ބޭރޫތަށް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި ގުރީކުގެ އޭޖިއަން އެއާލައިންސް އަދި ޖަރުމަނުގެ ކޮންޑޯ އެއާލައިންސް ހިމެނެ އެވެ. ސްވިސް، ޔޫރޯވިންގް އަދި ލުފްތަންސާއިން ވެސް ވަނީ ދަތުރުތައް މެދުކަނޑާލާފަ އެވެ.

އިޒުރޭލުން މިހާރުވެސް ދަނީ ހިޒްބުﷲގެ އިމާރާތްތައް ކަމަށް ބުނެ ބޭރޫތުގެ ބައެއް އިމާރާތްތަކަށް ހަމަލާދެމުންނެވެ. މިގޮތުން ދޭ ހަމަލާތައް ސަރުކާރުގެ ބައެއް އޮފީސްތަކަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.