ދުނިޔެ

ދުޝްމަނުންގެ ރައްދު ހަމަލާތަކަށް މިއޮތީ ތައްޔާރަށް: އިޒުރޭލު

އިޒުރޭލުގެ ފަސްގަނޑަށް ދުޝްމަނުންގެ ހަމަލާއެއް އަރައިފި ނަމަ އެ ބަޔަކު އަންދާލާނެ ކަމަށް ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އަދި ވިދާޅުވީ ރައްދު ހަމަލާތަކަށް އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި އިޒުރޭލުގެ ހަމަލާތައް ގަދަފަދަވެފައި އަނިޔާވެރި ވާނެ ކަމަށެވެ.

ބެންޖަމިން ނަތަންޔާހޫ މިހެން ވިދާޅުވި ސަބަބަކީ ލުބްނާންގެ ވެރިރަށް ބޭރުތަށް އިޒުރޭލުން ދިން ހަމަލާއެއްގައި ހިޒްބުﷲގެ އަސްކަރީ ކޮމާންޑަރު ފުއާދު ޝުކޫރު މަރުވުމާ ގުޅިގެން އެކަމުގެ ބަދަލު އިޒުރޭލުގެ ކިބައިން ހިފާނެ ކަމަށް ހިޒްބުﷲއިން ބުނުމާ ގުޅިގެންނެވެ.

އަދި އީރާންގައި ހުއްޓައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މަރާލީ އިޒުރޭލު ކަމަށް ބުނެ އެކަމަށް ބަދަލުހިފާނެ ކަމަށް އީރާނުން ބުނުމާ ގުޅިގެންނެވެ.

ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒުރޭލުން މިހުރިހާ ދުވަހު ކުރި މަސައްކަތަކީ އީރާނަށް ވަފާތެރިވާން ތިބިޔާ ބަހަކު ބަލިކަށިކުރުމެވެ. އޭނާ އެ އިޝާރާތްކުރައްވަނީ ހިޒްބުﷲ އަށާއި ހަމާސް އަށެވެ.

ހިޒްބުﷲގެ އަސްކަރީ ކޮމާންޑަރު ފުއާދު ޝުކޫރު މަރާލީ އިޒުރޭލުން ކަމަށް މިހާރު އެ މީހުން އެއްބަސްވެ އެވެ. ނަމަވެސް، ހަނިއްޔާގެ މަރާ ގުޅޭ ގޮތުން އިޒުރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މެދުއިރުމަތީގައި އީރާނަށް ވަފާތެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޮޑުންތައް މަރައި އަދި މި ޖަމާއަތްތަކާ ގުޅުން ހުރި އަސްކަރީ ބާރުވެރިކަން ނައްތާލުމުގައި އިޒުރޭލުން ވަނީ ކާމިޔާބު ހޯދާފަ އެވެ.

އީރާނަށް ކަމެއް ކޮށްދޭނެ ކަމަށް ބެލެވޭ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލުމަށް ފަހު އީރާނާ ދިމާކުރުމަކީ އިޒުރޭލަށް އެއްވެސް ބިރެއް އޮތް ކަމެއް ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އިޒުރޭލުގެ ރައްޔިތުންނަށް ބޮޑުވަޒީރުގެ ހައިސިއްޔަތުން ބެންޖަމިން ނަތަންޔާހޫ ދެއްވި އިރުޝާދަކީ ތައްޔާރަށް ތިބުމަށެވެ. އިޒުރޭލު ވަށައިގެން ހަނގުރާމާއި ރަނގަބީލުގެ އަޑު އިވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ހުރިހާ ނަޝްރަކާއި ކާމިޔާބަކީ ޒަޔަނިސްޓުންގެ ހައްގެެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.