ހިޒްބުﷲ

ހިޒްބުﷲގެ އާ ވެރިޔާއަށް މަރުގެ އިންޒާރު ދީފި

ހިޒްބުﷲގެ އާ ލީޑަރު ނައީމް ގާސިމް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި އެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންތު ވަނީ ހިޒުބްﷲގެ ވެރިޔަކަށް ގާސިމް އައްޔަންކުރިކަން އިއުލާންކުރުމާ އެކު އޭނާއަށް ހިޒުބްﷲގެ ވެރިކަމުގައި ހުރެވޭނީ "މަދު ދުވަސްކޮޅަކަށް" އަދި "ވަގުތީ ގޮތުން" ކަމަށް ވިދާޅުވެފަ އެވެ. މިއީ ގާސިމް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިޒުރޭލުން ދިން އިންޒާރެއް ކަމަށް ސިޔާސީ މާހިރުން ދެކެ އެވެ.

ހިޒްބުﷲގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އުމުރުން 71 އަހަރުގެ ގާސިމް އައްޔަން ކުރީ އެ ޖަމާއަތުގެ ޝޫރާ މަޖިލީހުންނެވެ.

ގާސިމަކީ 1991 އިން ފެށިގެން ހިޒްބުﷲގެ ވެރިޔާގެ ނައިބުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ އިޒުރޭލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ހިޒްބުﷲގެ ކުރީގެ ވެރިޔާ އައްބާސް އަލް-މޫސަވީ އެވެ.

ހިޒްބުﷲގެ ވެރިޔަކަށް ގާސިމް އައްޔަންކުރީ އިޒުރޭލުގެ ހަމަލާއެއްގައި ސެޕްޓެމްބަރު 27 ވަނަ ދުވަހު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުންނެވެ. ނަސްރުﷲގެ ފަހުން ހިޒްބުﷲގެ ވެރިޔަކަށް ވާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ހާޝިމް ސަފީއްދީން ވެސް ވަނީ އިޒުރޭލުގެ ހަމަލާގައި ވަނީ އަވަހާރަކޮށްލާފަ އެވެ.

ހިޒްބުﷲގެ މައި ތަރުޖަމާނެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި ހާޝިމަކީ ބޭރުގެ މީޑިއާތަކާ ގާތް ގުޅުމެއްވެސް ބޭއްވެވި ބޭފުޅެކެވެ.

ނަސްރުﷲ ޝަހީދުވުމަށްފަހު އޭނާ ވަނީ ތިން ފަހަރެއްގެ މަތިން ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރައްވާފަ އެވެ. މި ދަނޑިވަޅުގައި އޭނާ ވަނީ އިޒުރޭލާއެކު މަޝްވަރާކޮށް ސިޔާސީ ހައްލެއް މައްސަލަތަކަށް ހޯދުމަށް ބޭނުންވާ ކަަމަށްވެސް ވިދާޅުވެފަ އެވެ.

މި ވަގުތަކީ އިޒުރޭލުން ލުބްނާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަވެސް ކޮށްފައިވާ ވަގުތެކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ހަމަލާތަކުގައި 77 މީހުން ވަނީ އަވަހާރަކޮށްލާފަ އެވެ.