އިޒްރޭލުގެ އުތުރުގައި އޮންނަ ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ހިޒްބުﷲއާއި އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ގިނަ އަދަދެއްގެ އިޒްރޭލު ސިފައިން މަރުވެ އަދި ޒަޙާމްވެއްޖެ އެވެ.
އަލްޖަޒީރާ މީޑިއާގެ ރިޕޯޓުތަކުގައި ބުނާ ގޮތުން، ޒަޙާމްވި ސިފައިން އުފުލައިގެން އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތައް ހައިފާ ސިޓީގެ ރަމްބާމް ހޮސްޕިޓަލަށް ވަނީ ގޮސްފަ އެވެ.
ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން މަދުވެގެން ހަތް އިޒްރޭލު ސިފައިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ސިއްހީ ހާލަތު މިވަގުތު އެނގޭކަށް ނެތެވެ.
ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ ލުބްނާނުގެ ބޯޑަރު އަވަށެއް ކަމަށްވާ ރާމިއާ ކައިރީގައި އިޒްރޭލު ސިފައިންނާ ދެ ފަހަރެއްގެ މަތިން ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ. މި ކުރިމަތިލުން ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެން ދިޔަ ކަމަށް އެ ޖަމާއަތުން މަޢުލޫމާތު ދީފައިވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
މިދިޔަ ސެޕްޓެންބަރު 30 ގައި އިޒްރޭލުން ލުބްނާނުގެ ދެކުނުގައި އުޅޭ ހިޒްބުﷲގެ ހަގުރާމަވެރިންނާ ދެކޮޅަށް އެއްގަމު އޮޕަރޭޝަނެއް ފެށި ފަހުން މަރުވެފައިވާ އިޒްރޭލު ސިފައިންގެ އަދަދު މިހާރު ވަނީ 40 އަށް އަރާފަ އެވެ.
އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާއި ހިޒްބުﷲއާ ދެމެދު ގަދަ ހަނގުރާމައެއް ހިނގަމުންދާއިރު ލުބްނާނުގެ ހަތިޔާރު އެޅި އެ ޖަމާއަތުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންގެ 25 މީހަކު މަރާލާފައިވެ އެވެ.
އިޒްރޭލުން ބައެއް ފަހަރު މަރުވާ ސިފައިންގެ މައުލޫމާތު ޢާންމުނުކުރާ ކަމަށް ތުހުމަތުކުރެވެ އެވެ. މީގެ ތެރޭގައި ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ހަނގުރާމައިގައި މަރުވާ ސިފައިންގެ މަޢުލޫމާތުތައް ވެސް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.