އޮބިޗުއަރީ

ކުރީގެ އަތޮޅުވެރިޔާ ހުސައިން ޔޫސުފު އަވަހާރަވެއްޖެ

ލ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ހުސައިން ޔޫސުފް މިއަދު އަވަހާރަވެއްޖެ އެވެ.

ހުސައިން ޔޫސުފު އަވަހާރަވީ އިންޑިއާގައި ހުންނަވައިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރެއްހާ ދުވަސް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ.

ހުސައިން ޔޫސުފު ލ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވީ ޖޫން 6، 1988 އިން ޑިސެމްބަރު 8، 1991 އަށެވެ.

އެ ދުވަސްވަރު ލ. އަތޮޅު، އަތޮޅު އޮފީސް ހިންގަމުން ގެންދިޔައީ ލ. ހިތަދޫ ގައެވެ. އަތޮޅުވެރިކަމަށް ހުސައިން އިސް ކުރެއްވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައި ހުންނަވަނިކޮށެވެ. ލ. އަތޮޅު އޮފީހުގައި އިދާރީ ހިންގުމުގައި ވަރަށް ގިނަ ދުވަހު ހުސައިން މަސައްކަތް ކުރައްވާފައިވެ އެވެ.

އަތޮޅުވެރިކަމަށް ފަހު ހުސައިން ޔޫސުފު އެންމެ ފަހުން ހުންނެވީ ލ. އަތޮޅު ފޮނަދޫގައި ހިންގަމުން ގެންދިޔަ ދަނާލްގެ މުދީރު ކަމުގެ މަގާމުގަ އެވެ.

ހުސައިން އަވަހާރަވުމާ ގުޅިގެން ލ. އަތޮޅު ކައުންސިލުން ވަނީ ހުސައިންގެ ހިދުމަތްތައް ފާހަގަކުރައްވާ އާއިލާ އަށް ތައުޒިޔާގެ މެސެޖެއް ފޮނުވާފަ އެވެ.

ހުސައިން ޔޫސުފަކީ ލ. ދަނބިދޫ އަށް އުފަން ބޭފުޅެކެވެ. ނަމަވެސް ހަޔާތުގެ ގިނަ ދުވަސްތައް ހޭދަ ކުރެއްވީ ލ. ފޮނަދޫގަ އެވެ.