ޑޮމެސްޓިކް އެއާޕޯޓް

"ނިލަންދޫގައި އެއާޕޯޓް ނުހަދަނީ ސިޔާސީ ކަމެއްގައި"

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ކުރީ ސަރުކާރުން ނިންމާފައި ވަނިކޮށް، އެ ރަށް އުނި ކުރުމަށް ފަހު އެ އަތޮޅުގެ މަގޫދޫގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކޮށްދޭނެ ފަރާތްތައް ހޯދަން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އިއުލާނު ކޮށްފަ އެވެ. އެ ހަ ރަށުގެ ތެރޭގައި ފ. އަތޮޅުން އެއާޕޯޓު އަޅަން އިއުލާނު ކޮށްފައި ވަނީ މަގޫދޫ އެވެ. އެކަމާ ނިލަންދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަލީ މިއަދު ވިދާޅުވީ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އަދި ފަޅުގެ ގޮތުން ވެސް އެއާޕޯޓު އަޅަން އެންމެ އެކަށީގެން ވަނީ އެ އަތޮޅުން އެރަށުގައި ކަމަށެވެ. ފ. އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި 2500 މީހުންގެ އާބާދީއެއް އޮވެ އެވެ. ނިލަންދޫ އަކީ ފ. އަދި ދ. އަތޮޅުގެ ވެސް ސެންޓްރަލް ލޮކޭޝަނެކެވެ. ދަތުރުފަތުރަށް ބަލާއިރު ވެސް އެ ސަރަހައްދުން އެންމެ ގިނަ މީހުން ޒިޔާރަތް ކުރަނީ ވެސް އެ ރަށަށެވެ.

"ޓެކްނިކަލީ ބަލާއިރު ވެސް މިއީ ގޯސް ނިންމުމެއް. ނިލަންދޫ އަކީ މި ސަރަހައްދުގެ ސެންޓްރަލް ލޮކޭޝަން ކަމަށް ކުރީ ސަރުކާރުން ކުރި ސާވޭއިން ދެއްކި. ހުރިހާ ގޮތަކުން ބަލާއިރު ވެސް އެއާޕޯޓު އަޅަން އެންމެ ތަނަވަސް ރަށަކީ ނިލަންދޫ. އެކަމަކު ސަރުކާރުން އެހެން ރަށެއްގައި އެއާޕޯޓު އަޅަން ނިންމުމުން ދެން ނިލަންދޫގައި އެއާޕޯޓު ނާޅާނެ ދެއްތޯ. މިއީ ހަމައެކަނި ނިލަންދޫ ރައްޔިތުންނެއް ނޫން، މި ސަރަހައްދުން ނިލަންދޫއަށް ހިދުމަތް ހޯދަން އަންނަ އެހެން ރަށްރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ، ސިޔާސީ ގޮތުން ބަލާއިރު ވެސް އެއީ ގޯސް ނިންމުމެއް ކަމަށެވެ. އެގޮތުން އާބާދީގެ ގޮތުން ބަލާއިރު ވޯޓުގެ ޕަސެންޓޭޖް ދަށް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރަށުން ލިބުނު ވޯޓު އިތުރު ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއާޕޯޓު އަޅަން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކުރި ކަމަށާއި އެ އެއްބަސްވުން ބާތިލުނުކުރާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ވެސް އެރަށުގައި އެއާޕޯޓު ނާޅަން ނިންމި ކަމަށް އަންގާފައި ނުވާ ކަމަށް ވެސް އަލީ ވަނީ ފާހަގަކުރައްވާފަ އެވެ.

"ސަރުކާރުން އަޅުގަނޑުމެން މިވަނީ ސިޔާސީ ގޮތުން ވެސް އަދި ތަރައްގީގެ ގޮތުން ވެސް ވަރަށް ބޮޑަށް ބާކީކޮށްލާފަ. އެއާޕޯޓާ ގުޅިގެން ރައީސް އާ ބައްދަލުކުރަން އަދި ތަރައްގީގެ ކަންކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ފަދަ އިދާތާރަކާ ވެސް ބައްދަލުކުރަން އެދުނިން. އެކަމަކު އެއިން އެއްވެސް އިދާރާއަކުން އަޅުގަނޑުމެންނަކާ ބައްދަލެއް ނުކުރޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސަރުކާރުން ވަނީ ބާކީކޮށްލާފައި،" އަލީ ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓު އަޅަން 2018 އަދި 2019 އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ރަށުގެ ލޭންޑް ޔޫޒް ޕްލޭން މީގެކުރިން ހަދާފައިވަނީ އެއާޕޯޓް ހިމަނައިގެންނެވެ. އެކަމަކު މިހާރުގެ ކައުންސިލުން ލޭންޑް ޔޫޒް ޕްލޭން ހަދާއިރު އެއާޕޯޓް ހިމެނުމާ މެދު ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދުމުން އެއާޕޯޓް ނުލައި އެ ޕްލޭން ހެދުމަށް އަންގާފައިވާ ކަމަށް އަލީ ވަނީ ވިދާޅުވެފަ އެވެ.

މަގޫދޫގައި އެއާޕޯޓު އަޅައިދޭން ބަޔަކު ހޯދަން ސަރުކާރުން އިއުލާނުކޮށްފައި ވަނީ، ނިލަންދޫ ކައުންސިލުން އެއާޕޯޓާ ގުޅޭ އަޕްޑޭޓެއް ހޯދަން ރައީސް އާ ބައްދަލުކުރަން އެދިފައި ވަނިކޮށެވެ. މިހާތަނަށް ބައްދަލުކޮށް މަޝްވަރާކޮށްފައި ނުވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އެކަމަކު މިމަހުގެ ތިންވަނަ ދުވަހު ފ. މަގޫދޫ ކައުންސިލުން ރައީސް ސޯލިހާ ބައްދަލުކޮށް އެ ރަށުގައި އެއާޕޯޓެއް އަޅައިދިނުމަށް ވަނީ އެދިފަ އެވެ. އެކަމަކު މަގޫދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަކަށް ރައީސް ސޯލިހު އެ ބައްދަލުވުމުގައި ވިދާޅުވެފައެއް ނުވެ އެވެ.