ފޮރިން މިނިސްޓްރީ

ހާލުގައި ޖެހުނު ދަރިވަރުންނަށް މާލީ އެހީ ދެނީ

ތޫފާން ރާއިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ދެންމެ ބުނީ ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން އެ ގައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވެ ފެނާއި ކަރަންޓު ކެނޑި މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދީފައިވާތީ މި އެހީ ދިނުމަށް ސަރުކާރުން ނިންމަވާފައިވަނީ މަސްދުވަހުގެ މުއްދަތަށް ކަމަށްވެސް ބުންޏެވެ.

މިގޮތަށް ނިންމުމާއި ގުޅިގެން، އެ
ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ކަމަށްވެސް ބުންޏެވެ.