ދުނިޔެ

ސައުތު ކޮރެއާގެ ކުރީގެ ރައީސަށް މާފުދެއްވަނީ

މަގާމުގައި ހުންނަވައި ވަކި ބަޔަކަށް ފައިދާ ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުމާއި ކޮރަޕްޝަނާ ގުޅޭ އެހެން މުއާމަލާތްތަކެއް އެކަމަނާގެ މައްޗަށް 2018 ގައި ސާބިތުވެ 25 އަހަރު ޖަލު ހުކުމެއް ކަޑައްތު ކުރައްވަމުން ގެންދަވާ ސައުތު ކޮރެއާގެ ކުރީގެ ރައީސް، ޕާކް ގުން ހައި މިނިވަންކުރަން އެގައުމުގެ ޝަރުއީ އިދާރާތަކުން ނިންމައިފި އެވެ.

ސައުތު ކޮރެއާގެ ޖަސްޓިސް މިނިސްޓްރީން އާންމުކުރި ބަޔާނެއް ބުނާ ގޮތުން ޑިސެމްބަރު 31 ގައި ޕާކް ގުން ހައި ދޫކޮށްލާނެ އެވެ. އެއީ އެކަމަނާއަށް މާފުދެއްވުމަށް އެގައުމުގައި މިހާރު އޮތް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ސައުތު ކޮރެއާ ސަރުކާރުން އާއަހަރާ ގުޅިގެން ކުށްވެރިންނަށް ލުއިދިނުމަށް ނިންމާފައިވާ ނިންމުންތަކުގައި 3،094 ގައިދީން ދޫކޮށްލަން ވަނީ ލިޔުންތައް ފުރިހަމަކޮށްފަ އެވެ. ޖަލުން ދޫކޮށްލާ މީހުންގެ ތެރޭގައި ޕާކް ވެސް ހިމެނި ވަޑައިގަތީ އެވެ.

ޕާކް ގުން ހައި މަގާމުގައި ހުންނަވަނިކޮށް 2016 ގައި މައްސަލަ ބަލަން ފަށައި އެކަމަނާ ވަނީ މަގާމުން އެކަހެރިކޮށްފަ އެވެ. އަދި އެއްވެސް ލުޔެއް ދެއްވުމެއް ނެތި މައްސަލަ ބަލައި ވަނީ ކޮޅެއްގައި ޖައްސާފަ އެވެ.

ސައުތު ކޮރެއާގެ ރައީސް ޕާކް ގުން ހައި އަށް ހުކުމް އިއްވީ އޭޕްރީލް 6، 2018 ގައެވެ. އެކަމަނާއަށް އިއްވި ހުކުމްގައި ފުތަމަ އޮތީ 24 އަހަރަށް ޖަލަށް ލާ ގޮތަށެވެ. އެހެން ނަމަވެސް ފަހުން އެމުއްދަތު 25 އަހަރަށް އިތުރުކޮށް 20 ބިލިއަން ވޮން -- ސައުތު ކޮރެއާގެ ފައިސާއިން ޖޫރިމަނާކުރީ އެވެ.