އޮސްޓްރޭލިއާގައި ހުންނެވި ދެކުނު ކޮރެއާގެ ސަފީރު ލީ ޖޮން ސުޕް އިސްތިއުފާ ދެއްވައިފި އެވެ.
ސަފީރު އިސްތިއުފާ މި ދެއްވީ މަގާމަށް އައްޔަންކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި -- ހަތަރު ހަފުތާއަށް ފަހު އެވެ.
ލީ ޖޮން ސުޕްއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިތަކީ އޭނާއާ ގުޅުން އޮތް ކޮރަޕްޝަންގެ ތަހުގީގަކާ ހެދި އެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ ސަރުކާރުން، ލީ ޖޮންއަށް އޮސްޓްރޭލިއާ ސަފީރުކަން ދެއްވިއިރުވެސް މި މައްސަލަ އޮތީ ފެންމަތިވެފަ އެވެ.
މި މައްސަލައިގެ ސަބަބުން ވެރިކަންކުރާ ޕާޓީ ބަދުނާމުވެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އޮތީ ބެލެވިފަ އެވެ.
ލީ ޖޮން ސުޕްގެ މައްޗަށް ތަހުގީގު ކުރެވެމުން ދަނީ ދިފާއީ ވަޒީރުގެ މަގާމުގައި އޭނާ ހުންނެވިއިރު ކަނޑުގެ ސިފައިންގެ އޮފިސަރަކު މަރުވި މައްސަލައިގެ ތަހުގީގަށް ނަހަމަ ގޮތުގައި އޭނާ ނުފޫޒު ފޯރިވި ކަމަށް ތުހުމަތުކުރެވެ މައްސަލަ އެކެވެ.
ސަފީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެކަން އެންމެ ފުރަތަމަ އެންގެވީ ރައީސް ޔޫން ސުކް އަށެވެ. އަދި އޭނާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުކުރައްވާފަ އެވެ.
ލީއަށް އޮތް ތުހުމަތަށް މީގެ ކުރިން އޭނާ ވަނީ އިންކާރުކުރައްވައި -- އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ތަހުގީގަށް އިންކާރު ނުކުރައްވާ ކަމަށާއި ހުރިހާ އިދާރާއަކަށްވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ސަފީރުގެ މަގާމަށް ލީ އައްޔަންކުރެއްވުމާ ގުޅިގެން ވެރިކަންކުރާ ޕާޓީ ވެސް ވަނީ އުތުރިއަރާފަ އެވެ. އަދި އިދިކޮޅުގެ ފާޑުކިޔުންތައްވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
އިދިކޮޅު ލީޑަރުންގެ ޝަކުވާ އަކީ ތުހުމަތެއް އޮތް މީހަކު ސަރުކާރުގެ އިއްޒަތްތެރިއަކަށް ހަދާފައި ބޭރު ގައުމަކަށް ރައީސް އައްޔަން ކުރެއްވުމެވެ.
ޔޫންގެ އަމިއްލަ ޕާޓީ މެމްބަރުންވެސް ވަނީ ރައީސްއަށް ޝަކުވާ ދަންނަވާފަ އެވެ. ލީ އަކީ އެވަރުގެ މަގާމަކަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށް ޕާޓީ މެމްބަރުން ވެސް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލީ މިހާރު ހުންނެވީ ދެކުނު ކޮރެއާ ގައެވެ.