ކޮވިޑް ވެކްސިން

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 24،000 އަށް

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 24،000 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،570 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 366،892 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 24،201 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ކޮވިޝީލްޑާއި، ސިނޮފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ.