މާލޭގެ މޭޔަރު

ޖުމްހޫރީ މައިދާނަށް ހެދި ގޮތުން މޭޔަރު ކަންބޮޑުވެއްޖެ

ޖުމްހޫރީ މައިދާނުގެ ‏ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެދިފައިވަނިކޮށް އެއްވެސް ބެލުމެއްނެތި ކަންކޮށްފައިވާ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ މައިދާން ތައްޔާރު ކުރަމުންދަނީ މިރޭ އޮންނަ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އަށެވެ. ޖުމްހޫރީ މައިދާނުގައި ސްޓޭޖް އަަޅާ ގޮނޑިތައް ދަނީ ޖަހަމުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މޭޔަރު މުއިއްޒު ވިދާޅުވީ ‏ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށެވެ. އަދި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެކި ބައްދަލްވުންތަކުގައި ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެފަދައިން ވިދާޅުވެފައި ވަނިކޮށް އެއްވެސް ބެލުމެއްނެތި ކަންކުރި ގޮތުން ހިތާމަކުރާ ކަމަަށެވެ.

މުއިއްޒުގެ ކަންބޮޑުވުން ހޯމް މިނިސްޓްރީ އާއި މިނިސްޓަރު އިމްރާން އަބްދުﷲ އާ ވަނީ ހިއްސާކުރައްވާފައެވެ.

ޖުމްހޫރީ މައިދާން ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އެ ސަރަހައްދު އަލުން ރީތި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވިނަ އިންދާ އެ ސަރަހައްދު ރީތި ކުރުމުގެ މަސައްކަތް ފަށާފައިވަނީ ވަރަށް ފަހުންނެވެ. ވިނަ އިންދި ސަރަހައްދު ބަންދުކޮށް ރަނގަޅަށް ވިނަ ހެެެެއްދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

އަދި ކުރީ ސަރުކާރުގެ ދުވަސްވަރު ހެދި ފައްވާރާގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.