މުހައްމަދު އަސްލަމް

307 މަޝްރޫއު، 18 ބިލިއަން ރުފިޔާ

ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަނިވެސް 307 އުމްރާނީ މަޝްރޫއު އަތޮޅުތެރޭގައި ހިނގަމުންދާ ކަމަށް ޕްލޭނިން މި ނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ 23 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި 307 މަޝްރޫއުގެ އަގަކީ 18 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ތަރައްގީގެ ދުވެލި ހުރި ގޮތަށް ބައްލަވާލައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެގެ ދުވެލި ގޯސް ނޫން ކަމަށާއި އާދެވިފައި މިތިބީ ވަރަށް ދުރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. އަދި ލިބިފައި މިވާ ތަރައްގީއާ މެދު ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ.

"އެހެންނަމަވެސް ދާން އޮތް މަންޒިލް އަދިވެސް ވަރަށް ދުރު. ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ 307 މަޝްރޫއުގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި، ތިލަމާލެ ބްރިޖު ނުހިމެނޭ ކަމަށެވެ. އަދި މާލެއާއި އަތޮޅު ތެރެއަށް ގެންނަންޖެހޭ ތަރައްގީގެ އެތައް ކަމެއް އަދިވެސް އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުން އެދޭގޮތައް ކަންކަން ކުރަމަށް އިޖާބަދޭ ސަރުކާރެއް ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް މިސަރުކާރުން އަޑުއަހާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

އަސްލަމްގެ ވާހަކަފުޅުގައި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސިވިލް ސާވިސްގެ މުވައްޒަފުން ވެދެއްވާ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި އެކަމަށްޓަކައި ހުރިހާ ސިވިލް ސާވަންޓުންނަށް މިނިސްޓަރު އަސްލަމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.