ބޯހިމެނުން

ބޯހިމެނުގެ މަސައްކަތައް 800 އަށްވުރެ ގިނަ ޓެބްލެޓް ހޯދަނީ

Dec 30, 2021

ބޯހިމެނުގެ މަސައްކަތުގައި ބޭނުން ކުރަން 800 އަށްވުރެ ގިނަ ޓެބްލެޓް ހޯދަނީ އިއުލާނު ކޮށްފި އެވެ.

ގައުމީ ތަފާތު ހިސާބު ބަލަހައްޓާ ވުޒާރާގެ ބޭނުމަށް ހޯދާ ޓެބްލެޓްތައް ހޯދަން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ އަންނަ އަހަރު ބާއްވާ ރާއްޖޭގެ ބޯހިމެނުގެ މަަސައްކަތައް 812 ޓެބްލެޓް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް އަދި ބިޑް އެކިއުރިޓީގެ ގޮތުގައި 33،000ރ. ބަހައްޓަން ޖެހެ އެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭ ތާރީހަކީ އަންނަ މަހު 24 ގެ ކުރިންނެވެ.

ބޯހިމެނުން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ވަނީ ފަސް ލައްކަ ފަހަނަ އަޅާފަ އެވެ.