ބޯހިމެނުން

ބޯހިމަނަން ތައްޔާރުވާން ބާއްވާ ސެޝަނެއް ފަށައިފި

Jun 14, 2022

މުޅި ރާއްޖޭގައި ބާއްވާ ބޯހިމަނަން ބާއްވާ "ޕައިލޮޓް ސެޝަނެއް" ފަށައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުމަކީ ގައުމީ ފެންވަރެއްގައި ކުރިއަށްދާ ވަރަށް މުހިއްމު ބޮޑު ހަރަކާތެއް ކަމަށްވުމާއެކު ކުރިއަށްގެންދިއުމަށްޓަކައި ވާންޖެހޭ ފުރިހަމަ ތައްޔާރީތައްވުމުގެ ގޮތުން ބާއްވާ ޕައިލެޓް ސެންސަސް މިމަހުގެ 14 އިން 26 އަށް ކުރި އަށް ދާނެ އެވެ.

"ޕައިލެޓް ސެންސަސް" އަކީ ބޯހިމެނުމުގެ އަސްލު ހަރަކާތުގެ ކުރިން ބޯހިމެނުމުގެ ހުރިހާ މަރުހަލާތަކެއް ކުރިޔަށްދާނެ ގޮތް ދެނެގަތުމަށް ހިންގާ ހަރަކާތެކެކެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ކުޅުދުއްފުށި ސިޓީ އަދި ހދ. ނޮޅިވަރަމް އިން ހޮވާލެވިފައިވާ ސަރަހައްދުތަކެއްގަ އެވެ. އަދި މީގެއިތުރުން މާލޭގެ ހާބަރު ސަރަހައްދު، ތިލަފުށި، އަދި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިހަރަކާތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތް ކުރިއަށް ދާނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުއްދަ ދެވިފައިވާ މީހެއްކަން އަންގައިދޭ ފާހެއް ދޫކުރެވިފައިވާނެއެވެ. މައުލޫމާތު ދިނުމުގެކުރިން އެއީ މިފާސް އޮތް މީހެއް ތޯ ބެލުމަކީ އާންމު ރައްޔިތުންގެ ޒިންމާއެއްކަމުގައި ވެސް ދަންނަވަމެވެ.

ބޯހިމެނުމުގައި ގޭބިސީތަކުން އަދި އާންމު ފަރުދުންގެ ކިބައިން ނެގިގެންދާނެ ބައެއް މައުލޫމާތުގެ ތެރޭގައި ދިރިއުޅޭތަނާއި ބެހޭ މައުލޫމާތު، ގޭބިސީ ދިރިއުޅޭ ތަނުގެ ބޮޑުމިން، މީހުންގެ އުފަން ތާރީޚް، ހާސިލްކޮށްފައިވާ އެންމެމަތީ ތައުލީމު، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް، ފުރަތަމަ ކައިވެނި ކުރި ޢުމުރު، އަންހެނުންނަށް: ދަރިންގެ އަދަދު ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މައުލޫމާތު ހިމެނެއެވެ. އަދި މަސައްކަތް ހިންގާ ތަންތަނުން ނެގިގެންދާނެ މައުލޫމާތުގެ ތެރޭގައި ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތު ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްސީލު، ވަޒީފާގައި ގެންގުޅޭ މުއައްޒަފުންގެ އަދަދު، ތަނުގެ އާމްދަނީ އާއި ހަރަދު (މުސާރަ އާއި
އުޖޫރަ، ކުލި، ފެން ކަރަންޓް، ފޯނާއި އިންޓަނެޓް، ތެލުގެ ބާވަތްތައް އަދި ތަކެއްޗަށް ހިނގި ހަރަދު) ގެ މައުލޫމާތު ހިމެނެ އެވެ.