ބޯހިމެނުން

ބިދޭސީން ދެގުނަ އިތުރުވިއިރު ދިވެހިން އިތުރުވީ 44،000 މީހުން

Mar 30, 2023
1

ރާއްޖޭގެ އާބާދީއަށް މިދިޔަ ނުވަ އަހަރުގެ ތެރޭގައި 44،317 ދިވެހިން އިތުރުވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި 36,707 ބިދޭސީން އިތުރުވެފައިވާ ކަމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތައް މިއަދު އާންމުކުރިއިރު މިހާރު ރާއްޖޭގެ އާބާދީގައި ހިމެނެނީ 382،751 ދިވެހިންނެވެ. ރާއްޖޭގެ އާބާދީގައި މިހާރު ހިމެނޭ ބިދޭސީންގެ އަދަދަކީ 132,371 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ 26 ޕަސަންޓެވެ. އެހެންކަމުން މިވަގުތު ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 މީހުންނެވެ.

މީގެ ނުވަ އަހަރު ކުރިން ރާއްޖޭގެ އާބާދީގައި ބިދޭސީންގެ އަދަދަކީ 63،637 މީހުންނެވެ. އެހެންކަމުން މިދިޔަ ނުވަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިވަނީ ދެގުނައަށް ވުރެ ވެސް އިތުރުވެފަ އެވެ. ރާއްޖޭގައި މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާގައިވާ ގޮތުން އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީ އަކީ 402،071 މީހުންނެވެ. އޭރު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދިވެހިންގެ ކޮންމެ 100 އަންހެނަކަށް، 104 ފިރިހެނުން މިވަގުތު އެބަތިއްބެވެ.

މާލޭގައި ދިވެހިންނާއި ބިދޭސީންނާ އެކު 212،000 މީހުން މިހާރު ދިރިއުޅެ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 31 ޕަސަންޓް މީހުން ހުޅުމާލޭގައި ދިރިއުޅޭއިރު މިދިޔަ ނުވަ އަހަރު ތެރޭގައި އާބާދީ އެންމެ ބޮޑަށް އިތުރުވީ ވެސް ހުޅުމާލޭގަ އެވެ. އެއީ 16 ޕަސެންޓްގެ އިތުރުވުމެކެވެ. މާލޭގެ އާބާދީ ވަނީ 39 ޕަސެންޓުން 41 ޕަަސެންޓަށް އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 46 ޕަސަންޓް މީހުން އަތޮޅުތަކުގައި ދިރިއުޅޭއިރު ރިސޯޓުތަކުގައި 10 ޕަސަންޓް މީހުން ދިރިއުޅެ އެވެ. ރިސޯޓުތަކުގައި މިހާރު އުޅޭ ދިވެހިންގެ އަދަދަކީ 15,689 މީހުންނެވެ.

ބޯހިމެނުމުގެ ތަފާސްހިސާބު ދައްކާ ގޮތުން އަތޮޅު ތެރޭގައި އެންމެ ބޮޑު އާބާދީއެއް މިވަގުތު ދިރިއުޅެނީ އައްޑޫ ސިޓީގަ އެވެ. އެއީ 25،000 އަށް ވުރެ ގިނަ މީހުންނެވެ.

އަތޮޅު ތެރޭހައި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް ހިމެނޭ ކަންވެސް ބޯހިމެނުމުގެ ތަފާސްހިސާބުތަކުގައި ބުނެފައިވެ އެވެ.