އެއްވެސް މީހަކު މިހާރު ހުރި ތަން ދޫކޮށް މިރޭ 12:00ގެ ފަހުން ފުރައިގެން އެހެން ތަނަކަށްދާނަމަ މިރޭ ދަންވަރު ނިދާ ތަނަކުން އެ މީހާގެ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދިއްޖެ އެވެ.
އެ އިދާރާ އިން މިކަމަށް އެދުނީ އާންމުންގެ ފޯންތަކަށް މިއަދު ފޮނުވި މެސެޖެއްގަ އެވެ.
ބޯހިމެނުމުގެ ރަސްމީ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބޯހިމެނުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ގޭގެއަށް ގޮސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނީ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. އެހެންވެ ގޭގެއަށް ވަދެވޭނެ ގޮތް ހަދައިދިނުމަށާއި، ތެދު މައުލޫމާތު ދިނުމަށްވެސް ސްޓެޓިސްޓިކްސް އޮފީހުން އެދިފައިވެ އެވެ.
ބޯހިމެނުމުގައި އެއްކުރާނީ:
- އުމުރުފުރާތަކަށް އަންނަ ބަދަލު
- ދިވެހިންނާއި ބިދޭސީންގެ އާބާދީ
- ރަށްރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު
- އާބާދީ އިތުރުވާ ނިސްބަތް
- ހިޖުރަކުރާ އަދަދު
- މަސައްކަތު އާބާދީ
ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމަށް މީގެކުރިއާ ތަފާތުކޮށް މިއަހަރު ބޭނުންކުރާނީ ޓެބްލެޓްތަކެކެވެ. އެކަމަށް 812 ޓެބްލެޓް ހޯދާފައިވެ އެވެ.
ބޯހިމެނުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ ކުރިއަށް އޮތް އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާ ދުވަހަކީ ގައުމީ ތަފާސްހިސާބުތަކުގެ ދުވަހެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.